ޚަބަރު

މާލޭގެ ސްކޫލްތަކުގައި މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފި


މާލޭގެ ސްކޫލްތައް ހުޅުވާ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް އެއް މަސްދުވަހަށްފަހު ކިޔަވައިދޭން ފަށައިފިއެވެ. މިއަދު މާލެ ސިޓީގެ ސްކޫލްތައް ހުޅުވާ ކިޔަވައިދޭން ފަށާފައިވަނީ ގްރޭޑް 9 އިން 12 ގެ ދަރިވަރުންނަށެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔެވުން މެދުކަނޑާލުމަށްފަހު އަލުން ކިޔަވައިދޭން ފަށާފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. އޭރު އަތޮޅުތަކުގައި ގްރޭޑް 1 އިން ފެށިގެން 12 ދަރިވަރުންނަށް ކިޔަވައިދޭން ނިންމި ނަމަވެސް މާލޭގެ ހާލަތަށް ބަލާ ކިޔަވއިދެމުން އައިސްފައިވަނީ ގްރެޑް 9 އިން 12އަށެވެ. އެހެންނަމަވެސް ކޯވިޑް-19 މާލޭގައި ފެތުރުން އިތުރުވަމުން އަންނާތީ ސްކޫލްތައް ހުޅުވައިގެން ކިޔަވާ ނުދޭން އެޑިއުކޭޝަން މިނިސްޓްރީން އެކި ފަހަރުމަތިން އައީ ނިންމަމުންނެވެ. އެގޮތުން މާލެ ސިޓީގެ ސްކޫލްތަކުގެ ކިޔެވުން މިޑް ޓާރމްއަށް ފަހު ފަށާފައެއް ނުވެއެވެ. މި ނިންމުންތައް ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކުގައެވެ. މާލެ ސިޓީގެ ދަރިވަރުންނަށް ކިޔަވައިދެމުން އައިސްފައިވަނީ އޮންލައިންކޮށްނަމަވެސް އޭލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން އެދަރިވަރުން ބައެއް ގަޑިތަކުގައި ސްކޫލަށް ގެންގޮސްގެން ވަނީ ކިޔަވާދީފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވީ މާލޭގެ ސްކޫލްތަކުގެ ކިޔެވުން ފަށާ ކޮންމެ ދެހަފްތާއަކުން މާލޭގެ ހާލަތު ބެލުމަށްފަހު ހާލަތު ރަނގަޅުވެއްޖެނަމަ އިތުރު ކީ ސްޓޭޖްތަކަށް ކިޔަވައިދިނުމުގެ ހުއްދަ އެޗްޕީއޭއިން ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި ހުއްދަ ލިބެންވާއިރަށް އެޑިއުކޭޝަން މިނިސްޓްރީން ކުރަންޖެހޭ ކަންކަމަށް ތައްޔާރުވަމުން އަންނަކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްކޫލްތަކުގައި މިހާރު ކިޔަވައިދެމުންދަނީ ކޮންމެ ކީ ސްޓޭޖަކަށް ހަތަރު ގަޑިއިރުކަނޑައަޅައިގެންނެވެ. އަދި އެ ވަގުތުތަކުގައި އެންމެ ގިނައިން ވެސް ކިޔަވައިދެވޭނީ ހަތަރު މާއްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ކޮންމެ މާއްދާއެއް ކިޔަވައިދިނުމަށް ކަނޑައަޅާފައިވަނީ 45 މިނެޓެވެ. އަދި ބާކީ ހުރި ވަގުތުތައް ހަމަޖައްސާފައި ވަނީ ސިއްޙީ އެސެސްމަންޓުތައް ހެދުމާއި އެސެމްބްލީ އާއި އަތް ދޮވުން ފަދަ ކަންކަމަށެވެ. އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ދާދިފަހުން ވަނީ އަތޮޅުތަކުގެ ސްކޫލްތަކުގައި ކިޔަވައިދޭ ގަޑި 5 ގަޑިއިރަށް ބަދަލުކޮށްފައެވެ.

މާލޭގެ ސްކޫލްތައް އަލުން ހުޅުވިއިރުވެސް ހުޅުވާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ. އެގޮތުން ކުރިއާ ޚިލާފަށް ކްލާސްރޫމްގައި ކިޔަވާ ދަރިވަރުންގެ އަދަދު މަދުކުރުމާއި ކްލާސްރޫމްގައިވެސް ވީހާވެސް ބޮޑަށް ގައިދުރުކޮށް ކިޔަވައިދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ސްކޫލްތައް ޑިސްއިންފެކްޓް ކުރުމާއި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައްވެސް ވަނީ އަޅާފައެވެ.