ޚަބަރު

ނަގޮރުނާ-ކަރަބަޚް މައްސަލާގައި މަޝްވަރާކުރުމަށް ތައްޔާރު: އަރުމޭނިއާ


ނަގޮރުނާ-ކަރަބަޚް ސަރަޙައްދުގައި އަރުމޭނިއާއާއި އަޒަރުބައިޖާނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލުމަށް ރަޝިޔާއާއި އެމެރިކާއާއި ފަރަންސޭސިވިލާތާއެކު މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމަށް އަރުމޭނިއާއިން ބުނެފިއެވެ.

1990ގެ އަހަރުތަކުގައި އަޒަރުބައިޖާނާއި އަރުމޭނިއާއިންވަނީ ނަގޯރުނޯ-ކަރަބާޚްގެ މައްސަލައިގައި ހަނގުރާމަކޮށްފައެވެ. ހަނގުރާމައިގެ ތެރޭގައި 1991ވަނަ އަހަރުގައި ނަގޯރުނޯ-ކަރަބާޚްގައިވަނީ އަމިއްލަ ވެރިކަމެއް ޤާއިމްކޮށްފައެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެ ޤައުމުން 1994ވަނަ އަހަރުގައިވަނީ އެއްބަސްވެފައެވެ. އެއަށްފަހު ސަރަޙައްދު އޮންނަނީ އަޒަރުބައިޖާނުގެ ބައެއްގެ ގޮތުގައި ނަމަވެސް އެ ސަރަޙައްދު އޮންނަނީ އަރުމޭނިއާގެ ބާރުގެ ދަށުގައެވެ.

ސެޕްޓެމްބަރު މަހުގެ 27ވަނަ ދުވަހުން ފެށިގެން ނަގޮރުނާ-ކަރަބަޚްގެ މައްސަލައިގައި އަރުމޭނިއާއާއި އަޒަރުބައިޖާނުންދަނީ ވަރުގަދަ ޙަމަލާތައް ބަދަލުކުރަމުންނެވެ. އެ ޙަމަލާތަކުގައި މިހާތަނަށް 189 މީހުން މަރުވެ ގިނަ ޢަދަދެއްގެ މީހުންވަނީ ޒަހަމްވެފައެވެ.

މައްސަލައަށް ޙައްލެއް ހޯދުމަށް އޯގަނައިޒާޝަން ފޮރ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (އޯއެސްސީއީ)ގެ މުޤައްރިރުންކަމުގައިވާ ރަޝިޔާއާއި ފަރަންސޭސިވިލާތާއި އެމެރިކާއިން ގޮވާލާފައިވާ ގޮވާލުމަށް އަޒަރުބައިޖާނުން މިހާތަނަށް އިޖާބަދީފައެއް ނުވެއެވެ. އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިޔެވްވަނީ މައްސަލައާ ގުޅޭގޮތުން އަރުމޭނިއާއާއެކު މަޝްވަރާކުރުމަށް ބޭނުންނުވާކަމަށް ވިދާޅުވެފައެވެ. އަދި އަޒަރުބައިޖާނަށް ވާގިވެރިވާ ތުރުކީވިލާތުންވަނީ ރަޝިޔާއާއި ފަރަންސޭސިވިލާތާއި އެމެރިކާއިން ދެ ޤައުމު ސުލްޙަކުރުމުގައި އެއްވެސް ދަޢުރެއް ޢަދާކޮށްގެން ނުވާނެކަމަށް ބުނެފައެވެ.

ނަމަވެސް އަރުމޭނިއާގެ ޚާރިޖީ ވުޒާރާއިން ބުނީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލައަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް އެ ޤައުމުން ތައްޔާރަށް އޮތްކަމަށެވެ. އަޒަރުބައިޖާނުން ޙަމަލާދިނުން ހުއްޓާނުލާނަމަ އެ ޙަމަލާތަކުން ދިފާޢުވުމުގައި އަރުމޭނިއާއިން ދެމިތިބޭނެ ނަމަވެސް 1994-1995ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ޤާއިމްކޮށްފައިވާ ޙަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް އޯއެސްސީއީ މިންސްކް ގުރޫޕާއެކު މަސައްކަތްކުރާނެކަމަށް އަރުމޭނިއާއިން ތައްޔާރަށް އޮތްކަމަށް އެ ވުޒާރާއިން ބުންޏެވެ.