ދުނިޔެ

7 މަހަށްފަހު ޙަރަމުފުޅު އުމްރާއަށް ހުޅުވާލައިފި


ހަތް މަހަށްފަހު އުމްރާގެ އަޅުކަމަށް ޙަރަމުފުޅު އާއްމުކޮށް ހުޅުވާލައިފިއެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މުސްލިމުންގެ އެންމެ މުޤައްދަސް ޙަރަމް ކަމަށްވާ، މައްކާގެ މާތްވެގެންވާ މަސްޖިދުލްޙަރަމް ބަންދުކުރީ މިއަހަރުގެ މާރިޗުމަހުގެ 21 ވަނަދުވަހުއެވެ.

އުމްރާގެ އަޅުކަމަށް އަލުން ޙަރަމުފުޅު ހުޅުވާލީ ސައުދީ ގަޑިން މިއަދު ރޭ ދަންވަރު 12 ޖެހިއިރުއެވެ. 3 ފިޔަވައްސަކަށް ބަހާލައިގެން ޙަރަމްފުޅު އަލުން ހުޅުވާލާއިރު އުމްރާވުމަށް ފުރަތަމަ ހުއްދަ ދީފައިވަނީ މައްކާގައި އުޅޭ ރައްޔިތުންނަށެވެ. އުމްރާގެ އަޅުކަމަށް އެދޭ މީހުން ރަޖިސްޓްރީވުމަށް ވަކި އެޕެއް ސައުދީ ސަރުކާރުންވަނީ ކަނޑައަޅާފައެވެ. މި އެޕް މެދުވެރިކޮށް މައްކާގެ ރައްޔިތުންނަށް ހުޅުވާލުމުން ފުރަތަމަ ފަސްގަޑިއިރުގެ ތެރޭގައިވެސް 72 ހާހަށްވުރެ ގިނަ މީހުންވަނީ ރަޖިސްޓްރީކޮށްފައެވެ.

ކޮންމެ ދުވަހަކުވެސް އުމްރާވުމަށް އަންނަ މީހުން 12 ގްރޫޕަކަށް ބަހާލާ ކޮންމެ ގްރޫޕަކަށްވެސް އުމްރާ ފުރިހަމަކުރުމަށް ލިބޭނީ 3 ގަޑިއިރުގެ ވަގުތެއްކަމަށްވެސް ސައުދީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އަދި މީގެ ކޮންމެ ގްރޫޕެއްގައިވެސް އިސްވެރިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސިއްޙީ މާހިރެކެވެ.

އުމްރާއަށް ހުޅުވާލިނަމަވެސް ތަވާފްކުރާ މީހުން ތަވާފްކުރަން ޖެހޭނީ ކައުބަތުﷲ ގެފުޅުގެ ވަށައިގެން ހަރުކޮށްފައިވާ ރިންގުގެ ބޭރުންނެވެ. އަދި އެއްވެސް މީހަކަށް ގެފުޅުގައި ބޮސްދީ އަތްބީއްސާ ނެހެދޭނެކަމަށާއި ދުވާލަކު 10 ފަހަރަށް ޚަރަމްފުޅު ސްޓެރެލައިޒްކުރާނެކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

އާއްމުކޮށް އުމްރާއަށް ޙަރަމްފުޅު ހުޅުވާލިނަމަވެސް ތަވާފްކުރުމަށް ނޫނީ ގެފުޅު ހުންނަ ސަރަހައްދު ނުވަތަ މަތާފް ސަރަހައްދު ބޭނުމެއް ނުކުރެވޭނެެވެ. ޖަމާއަތުގައި ނަމާދުކުރަން ބޭނުންކުރެވޭނީ މިސްކިތުގެ އެތެރޭގެ އެކި ފްލޯރތަކެވެ.

ސައުދީން ބޭރުގެ ރައްޔިތުންނަށް އުމްރާއަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 1 ވަނަދުވަހުން ފެށިގެންނެވެ. ސައުދީ ސަރުކާރުން ބުނީ އެހެން ޤައުމުތަކުގެ ރައްޔިތުން އުމްރާވުމަށް ކަނޑައަޅާ އުސޫލްތައް ޤައުމުތައް ވަކިވަކިން އެނގޭ ގޮތަށް އާއްމުކުރާނެކަމަށެވެ. އަދި ޤައުމުތަކަށް އުސޫލްތައް ކަނޑައަޅަނީ އެ ޤައުމެއްގައި ކުރިޔަށް އޮތް ހަފްތާތަކުގައި ކޯވިޑްގެ ހާލަތު އޮންނަ ގޮތަކަށް ބަލައިގެންކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.