ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އައްޑޫ ސިޓީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޝް އިސްމާޢީލާއި މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. ޢަބްދުﷲ މައުސޫމާއި އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގެ ބައެއް ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އައްޑޫ ސިޓީ ކައުންސިލުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އިޤްތިޞާދީ ހަބެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީ ކުރުމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން އައްޑޫ ސިޓީގެ އިޤްތިޞާދު ފުޅާކޮށް، ޒަމާނީ ސިޓީއެއްގެ ގޮތުގައި އައްޑޫ ތަރައްޤީކުރުމަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކޮށް، އިޤްތިޞާދީ ސިނާޢަތްތައް ތަރައްޤީކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ކަމާގުޅޭ އިދާރާތަކާއެކުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އައްޑޫ ސިޓީއާއި ހުވަދު އަތޮޅާ ދެމެދު ސީ ޕްލޭން ދަތުރުތައް ފެށުމަށް ނިންމާ، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިއީ ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެއްކަމަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވިއެވެ.
"ކޮންމެސް ބަޔަކު ގުރުބާން ވެގެން ކުރާ ކަމެއް މިއީ.. މިވަގުތު ހުރީ މަދު ޓުއަރިސްޓް ބެޑްތަކެއް.. މިއީ މަތިންދާބޯޓު ދަތުރުތަކަށް އެކަށީގެންވާ އަދަދެއް ނޫން.. މަތިންދާބޯޓު ވިޔަފާރިއަށް ފަހިކުރަން މިސަރަޙައްދުގައި މަދުވެގެން 6000 އެނދު ގެންނަންޖެހޭ، އެކަމަކު އެ 6000 އެނދު އަންނަންދެން ބޯޓު ނުއުދުއްސާ ތިބޭނީތޯ، އެހެން ނޫނީ 6000 އެނދު ގެންނަން ބާރު އެޅުމުގެ ގޮތުން ބޯޓު އުދުއްސަން ފަށާނީތޯ.. ނަމަވެސް މިކަން ފަށާއިރު ކުރިއަށް އޮތް އަހަރެއްހާ ދުވަހުވެސް ފައިދާ ނުވެދާނެ. އެކަމަކު އެއީ ސަރުކާރުން ކަންކަން ފަހި ކޮށްދިނުމަށް ކޮށްދޭންޖެހޭ ކަންކަމަކީ.. އެކަންތައް ވެގެންމިދިޔައީ.." މައުސޫމް ވިދާޅުވިއެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ ރާއްޖެ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިންގުމަކީ ރައީސްގެ ބޮޑު ވައުދެއްކަމަށާއި އިޤްތިޞާދު ލާމަރުކަޒު ކުރުމަކީ އެންމެ އިސްކަންދެއްވާ މަސައްކަތްކަމަށެވެ. އަދި އައްޑޫ ސިޓީއަކީ ދެކުނު އިޤްތިޞާދީ ހަބަކަށް ހެދުމަށް ކުރާ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަން ފައްޔާޒު ފާހަގަކުރެއްވިއެވެ. އަދި އައްޑޫގައި ކުރިއަށްގެންދާ ތަރައްޤީގެ މަސައްކަތުން ހަމައެކަނި ފައިދާވާނީ އައްޑޫއަށް ނޫންކަމާއި މުޅި ސަރަޙައްދަށްވެސް އޭގެ ފައިދާކުރާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"ފުރަތަމަ ކުރާނީ ކޮންކަމެއްތޯ؟ މިއީ ވަރަށް ބޮޑަށް އުފެދޭ ސުވާލެއް. އެނދު އިތުރުކުރީމަތޯ ފްލައިޓް އިތުރުވާނީ... ނޫނީ ފްލައިޓް އިތުރުކުރީމަތޯ އެނދު އިތުރުވާނީ.. މިކަހަލަ ތާށްޓެއްގައި މިތިބީ.. މިކަންކަން ހައްލުކުރުމަށް އޮކްޓޫބަރު ހިސާބުގައި ރައީސް އިރުޝާދު ދެއްވި ކާމިޔާބުވާނޭ ގޮތަކަށް ކުރެވެން ހުރި ކަންކަން ބެލުމަށް. އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް ޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހުވަދޫ އަތޮޅުގައި ހުރި ރިސޯޓްތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ބެލުމަށް ރައީސް އެންގެވި. އެއާއެކު އެމަސައްކަތް ފެށިގެންދިޔައީ" ފައްޔާޒް ވިދާޅުވިއެވެ.
އައްޑޫ ސިޓީއާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާ ދެމެދު ޤަވާޢިދުން ކޮންމެ ދުވަހަކު ވައިގެ ދަތުރުތައް ބޭއްވުމާ ގުޅޭގޮތުންވެސް މިހާރު ދަނީ މަޝްވަރާކުރަމުންނެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް، ވަކިން ޚާއްޞަ ގޮތެއްގައި އައްޑޫ ސިޓީއާއި ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. މިގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ވަރަށް ބޮޑު ބާރަކަށް މިކަން ވެގެންދާއިރު، އައްޑުއާއި ފުވައްމުލަކާއި ހުވަދުއާ ދޭތެރޭގައި ރައްޔިތުން ދަތުރުފަތުރުކޮށް ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ދެކުނު ރަށްތައް އިޤްތިޞާދީ ގޮތުން ގުޅުމަކީ ކޯވިޑް 19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، އިޤްތިޞާދު އާރާސްތުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމަށެވެ.
ދެކުނު އަތޮޅުތަކާއި އައްޑޫ ސިޓީ އިޤްތިޞާދީގޮތުން ގުޅާލުމުގެ އިތުރުން، އައްޑޫ ސިޓީގެ މަގުތަކުގެ ތެރެއިން 40 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއްގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. މި މަޝްރޫޢުތަކަކީ އައްޑޫ ސިޓީ ޙަޤީޤީ މާނައިގައި ލާމަރުކަޒުކޮށް، އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ނުހަނު މުހިންމު މަޝްރޫޢުތަކެކެވެ.