ދުނިޔޭގެ ވިޔަފާރި

ފިލިޕީންސްގެ މަޤްބޫލް ފަތުވެރި މަންޒިލްތައް ހުޅުވާލަނީ


ފިލިޕީންސްގެ ބައެއް މަޤްބޫލް ފަތުވެރި މަންޒިލްތައް އެޤައުމުގެ ރައްޔިތުންނަށް ހުޅުވާލަން ފަށައިފިއެވެ.

ފިލިޕީންސްއިން ފަތުރުވެރިކަމުގެ ހަރަކާތްތައް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާއިރު، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަތުރުވެރިންގެ މެދުގައި މަޤްބޫލް ދެ މަންޒިލްކަމަށްވާ، ބޮރަކޭ ބީޗްއާއި ބަގީއޯ ސިޓީ ވަނީ އެޤައުމުގެ ރައްޔިތުންނަށް ޒިޔާރަތްކުރެވޭ ގޮތަށް ހުޅުވާލާފައެވެ.

ފިލިޕީންސްގެ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނާގޮތުން ފަތުރުވެރި މަންޒިލްތައް ހުޅުވާލީ އެޤައުމުގެ ރައްޔިތުންނަށްކަމަށާއި، ބޭރުގެ ފަތުރުވެރިންނަށް އެޤައުމަށް ޒިޔާރަތްކުރެވޭނެކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ މެދު ތެރޭގައިކަމަށެވެ. އަދި މިވަގުތު ހުޅުވާލި ސަރަޙައްދުތަކަށްވެސް އާދެވޭނީ ކޯވިޑް މާބޮޑަށް ނުފެތުރޭ ސަރަޙައްދުތަކުގެ މީހުންނަށްކަމަށްވެސް ފިލިޕީންސްގެ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެއެވެ. މީގެއިތުރުން ހުޅުވާލި ސަރަޙައްދުތަކަށް ޒިޔާރަތްކުރާއިރު ކޯވިޑްއަށް ނެގެޓިވް ޓެސްޓެއް ބޭނުންވާނޭކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ފިލިޕީންސްއިން އެޤައުމުގެ ރައްޔިތުންނަށް ފަތުރުވެރި ބައެއް މަންޒިލްތައް ހުޅުވާލާފައިވަނީ ކޯވިޑްގެ ސަބަބުން އެޤައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ފަށާފައިވާ މަސައްކަތުގެ ދަށުންނެވެ.

ފިލިޕީންސްއަކީ ދެކުނު އޭޝިޔާ ސަރަޙައްދުން އެންމެ ގިނަ އަދަދަކަށް ކޯވިޑް ކޭސް ފެނުނު ޤައުމަށްވެފައިވާއިރު، އެޤައުމުން މިހާތަނަށް ތިން ލައްކަ ސޯޅަ ހާހަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހި، ފަސް ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ކޯވިޑްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާއިރު، އެޤައުމުގެ ޖީޑީޕީގެ 13 އިންސައްތަ ފަތުރުވެރިކަން ހިއްސާކުރެއެވެ.