ދުނިޔެ

ލުބުނާނުގެ 111 އަވަށެއް ފުރަބަންދުކޮށްފި


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ލުބުނާނުގެ 111 އަވަށެއް ފުރަބަންދުކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ލުބުނާނުން ފެނުނު ފަހުން މިހާތަނަށް 40،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 374 މީހުންވަނީ މަރުވެފައެވެ.
ފާއިތުވި ހަފުތާތަކުގައި ލުބުނާނުގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އޮކްޓޫބަރު މަހުގެ 1ވަނަ ދުވަހު އެ ޤައުމުގައި 1،248 މީހުންނަށް ބަލިޖެހި 7 މީހުންވަނީ މަރުވެފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނީ އެ ޤައުމުގައި ކޯވިޑް-19ގެ ސަބަބުން ޙާލުދެރަވާ މީހުންނަށް ފަރުވާދިނުމަށް ކަނޑައަޅާފައިވާ އައިސީޔޫ އެނދުތަކުގެ 84 އިންސައްތަ ބޭނުންކުރަމުންދާކަމަށެވެ.
މިދިޔަ އޮގަސްޓު މަހު ލުބުނާނުގައި ހިންގި ބޮޑު ގޮވުންތަކުގެ ސަބަބުން އިސްތިޢުފާ ދީފައިވާ ސަރުކާރުން އަދިވެސްދަނީ އައު ސަރުކާރެއް އެކުލަވާލަންދެން ބެލެނިވެރި ދަޢުރެއް ޢަދާކުރަމުންނެވެ. އެތައް ސަތޭކަ މީހުންނަށް ބަލިޖެހި ހަސްފަތާލުތަކަށް ބާރުބޮޑުވަމުންދާތީ އޮކްޓޫބަރު މަހުގެ 4ވަނަ ދުވަހުން ފެށިގެން މި މަހުގެ 12ވަނަ ދުވަހާހަމައަށް ލުބުނާނުގެ 111 އަވަށެއް ފުރަބަންދުކުރުމަށް ނިންމާފައިވާކަމަށް ދާޚިލީ ވަޒީރުގެ ގޮތުގައި ހުންނެވި މުޙައްމަދު ފަހްމީވަނީ އިޢުލާނުކުރައްވާފައެވެ. އެ މުއްދަތުގައި ސަރުކާރާއި އަމިއްލަ ހުރިހާ އިދާރާތަކެއް ހުންނާނީ ބަންދުކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގިނަ މީހުން އެކުގައި ބައްދަލުކުރުމާއި އެހެނިހެން އިޖުތިމާޢީ ޙަރަކާތްތައްވެސް އެ މުއްދަތުގައި ނުބޭއްވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެ ޤައުމުގެ މިސްކިތްތަކާއި އަޅުކަންކުރާ ތަންތަން ބަންދުކުރުމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއެކު ދާޚިލީ ވުޒާރާއިންދަނީ މަސައްކަތްކުރަމުންނެވެ. އަދި ދަންވަރު އެކަކުން ފެށިގެން އިރު އަރަންދެން ލުބުނާނުގެ ހުރިހާ ސަރަޙައްދެއްގައިވެސް ބޭރުތެރެއަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

ލުބުނާނަކީ ކޯވިޑް-19 ފުރަތަމަ ފެތުރެން ފެށުނު ދުވަސްވަރު އިތުރަށް ބަލި ފެތުރުނަ ނުދިނުމުގައި ކާމިޔާބު ހޯދި އެއް ޤައުމެވެ. އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވާންފެށީ އެ ޤައުމުގައި ހުންނަ ހަމަ އެކަނި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ޖުލައި މަހުގައި ހުޅުވާލައި ފުރަބަންދުގެ އުސޫލުތަކަށް ލުއި ދިނުމުންނެވެ. އެއަށްފަހު އޮގަސްޓު މަހުގެ 4ވަނަ ދުވަހު ވެރިކަންކުރާ ބެއިރޫތުގައި ބޮޑު ގޮވުންތަކެއް ގޮވިފަހުން އެ ޢަދަދުވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެފައެވެ. ބޮޑު ގޮވުންތަކަށްފަހު ބަލިފެތުރޭ މިންވަރު އިތުރުވުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް ޞިއްޙީ މާހިރުން އޭރުވަނީ ބުނެފައެވެ.