ދުނިޔެ

ޓްރަންޕަށް ފަރުވާ ދިނުމަށް އަސްކަރީ ހަސްފަތާލަކަށް ގެންގޮސްފި


އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕަށް ފަރުވާ ދިނުމަށް އަސްކަރީ ހަސްފަތާލަކަށް ގެންގޮސްފިއެވެ.

ރައީސް ޓްރަންޕާއި އަނބިކަނބަލުން މެލީނިއާ ޓްރަންޕަށް ކޯވިޑް-19 ޖެހިފައިވާކަން އިޢުލާނުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުގައެވެ. ވައިޓު ހައުސްއިންވަނީ ޓްރަމްޕުގެ ފަރާތުން ބަލީގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ފެނިފައިވާކަމަށް ބުނެފައެވެ. އޭނާ މިހާރުވަނީ މެރީލޭންޑުގައި ހުންނަ ވޮލްޓާ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަން ސެންޓަރަށް ގެންގޮސްފައެވެ. ވައިޓު ހައުސްގެ ޑޮކްޓަރު ޝޯން ޕީ ކޮންލޭ ވިދާޅުވީ ރައީސް ޓްރަންޕަށް ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް އިހުސާސްކުރެވޭ ނަމަވެސް ޙާލުކޮޅު ރަނގަޅުކަމަށެވެ. އޭނާއަށް ފަރުވާދިނުމަށް ރެމްޑެސިވާ ބޭހުގެ އިތުރުން ރެޖްއެން-ކޮވް2 ކިޔާ ތަހުލީލީ ބޭހަކާއި އިތުރު ބޭސްތަކެއްވެސްދަނީ ބޭނުންކުރަމުންނެވެ.

ރައީސް ޓްރަންޕަށް ކޯވިޑް-19 ޖެހުމުގެ ކުރިން އޭނާގެ ވަރަށް އަރިސް ބޭފުޅެއްކަމަށްވާ ހޯޕް ހިކްސަށްވަނީ ކޯވިޑް-19 ޖެހިފައެވެ. މީގެ އިތުރުން ޓްރަންޕުގެ ކެމްޕެއިން މެނޭޖަރު ބިލް ސްޓެޕިއެނަށް ކޯވިޑް-19 ޖެހިފައިވާކަންވެސް މިހާރުވަނީ ހާމަވެފައެވެ. ވެރިކަންކުރާ ރިޕަބްލިކު ޕާޓީއަށް ނިސްބަތްވާ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންކަމުގައިވާ ތޮމް ޓިލިސްއާއި މައިކް ލީ އަށްވެސްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ވައިޓު ހައުސްގެ ކުރީގެ އިސް މުޝީރު ކެލީއޭން ކޮންވޭވެސް ބަލި ޖެހިފައިވާ އިސް ފަރާތްތަކުގެ ތެރޭގައި ހިމެނެއެވެ. ރައީސް ޓްރަންޕުގެ ޙާލު ގޯސްވެއްޖެ ހިނދެއްގައި ޤައުމުގެ ހިންގުމާއި ޙަވާލުވެވަޑައިގަންނަވާނީ ނާއިބު ރައީސް މައިކް ޕެންސެވެ. އޭނާގެ ގައިގައި ކޯވިޑް-19 ހުރިތޯ ބެލުމަށް ހެދި ތަހުލީލުގެ ނަތީޖަ ވަނީ ނެގެޓިވް ވެފައެވެ.