ޚަބަރު

މަޖިލީހުގެ ތަޅުމުގައި މެންބަރުން ތިއްބަވާ ތަރުތީބަށް ގެންނަ ބަދަލުތައް ދައުރު ފެށުމުގެ ކުރިން ހުށަހަޅަނީ


ރައްޔިތުންގެ މަޖިލީހުގު މެންބަރުން ތަޅުމުގައި އިށީނދެވަޑައިގެން ތިއްބަވާ ތަރުތީބުތަކަށް ބަދަލު ގެނައުމަށް ކޮމިޓީން ކުރަމުންދާ މަސައްކަތް ނިންމައި މިއަހަރުގެ ފަހު ދައުރު ފެށުމުގެ ކުރިން މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާކަމުގައި ކޮމިޓީގެ މުޤައްރިރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި މެމްބަރުން ތިއްބަވާ ތަރުތީބަށް ބަދަލު ގެނައުމަށްޓަކައި ދިރާސާކޮށް ގޮތެއް ނިންމުމަށް އެދި މަޖިލީހުގެ އިދާރާއިން ވަނީ އާންމު ކޮމިޓީއަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މެމްބަރުން އިށީނދެވަޑައިގަންނަވާ ތަރުތީބު ބަދަލު ކުރެއްވުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކި ފަހަރުމަތިން މެމްބަރުން ފާޅުކުރައްވާފައިވާ ޚިޔާލުފުޅުތަކާއި ގުޅިގެން އެ ތަރުތީބު ބަދަލު ކުރުމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާ ގޮތުގެ ރިޕޯޓެއް ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށުމުގެ ކުރިން ފޮނުވައިދިނުމަށެވެ.

އާންމު ކޮމިޓީގެ މުޤައްރިރު ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ޙަސަން ލަޠީފް ވިދާޅުވީ ކޮމިޓީން މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް ފެށުމުގެ ކުރިން ކޮމިޓީގެ މަސައްކަތް ނިންމައި އިދާރާއަށް ރިޕޯޓް ހުށަހެޅުމަށްކަމަށެވެ.

މަޖިލީހުގެ މެންބަރުން މިހާރު ތިއްބަވާ ގޮތަށް ގެންނަ ބަދަލުތަކާއި ގުޅޭގޮތުން ޙަސަން ލަޠީފް ވިދާޅުވީ އެކި މެންބަރުން މިކަމުގައި ފެންނަ ޚިޔާލުތައް ހުށަހަޅާފައިވާކަމަށެވެ. އަދި ދުނިޔޭގެ ރިޔާސީ ނިޒާމު އޮތް ޤައުމުތަކުގައިވެސް މަޖިލީހުގެ މެންބަރުން ޖަލްސާގައި ތިއްބަވާ ތަރުތީބުތަކަށް ބަލައި، އެންމެ ރަނގަޅު ގޮތަކީ ޕާޓީތަކުގެ މެމްބަރުން އެކީގައި ތިއްބަވާނެ ގޮތަކަށް ބަދަލު ގެނައުންކަމަށެވެ.

މިގޮތަށް ބަދަލު ގެންނައިރު ޕާޓީޓަކުގެ މެންބަރުން ތިއްބަވާ ތަރުތީބު ކަނޑައަޅާނީ އެޕާޓީއެއްގެ ޕާލިމަންޓްރީ ގްރޫޕަކުން ކަމުގައި ޙަސަން ލަޠީފް ވިދާޅުވިއެވެ. އަދި މި ބަދަލު ގެންނައިރު ކަންކަން ރަނގަޅަށް ބަލައި ދިރާސާ ކުރުމަށްފަހު މަޖިލީހުން ގޮތެއް ނިންމުމަކީ ރަނގަޅު ކަމެއްކަމަށް ކޮމިޓީގެ މެމްބަރުން ވެސް ދެކެވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުގައި މެމްބަރުން ތިއްބަވާ ތަރުތީބަށް ގެންނަ ބަދަލާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާތައް ފަށާފައިވާއިރު މި ބަދަލު ފެނިގެންދާނީ އަންނަ އަހަރު މަޖިލީހުގެ ޖަލްސާތައް ފެށެންވާއިރަށް ކަމުގައި އާންމު ކޮމިޓީގެ މުގައްރިރު ޙަސަން ލަތީފް ވިދަޅުވިއެވެ.