ޚަބަރު

އީރާނުގެ ދެވަނަ ނިއުކުލިޔަރ މަރުކަޒު އައިއޭއީއޭއިން ފާސްކޮށްފި


އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ)އިން އީރާނުގައި ނިއުކުލިޔަރ ހަތިޔާރު އުފެއްސިކަމަށް ޝައްކުވާ ދެ މަރުކަޒުގެ ތެރެއިން ފަހު މަރުކަޒު ފާސްކޮށްފިއެވެ.

އައިއޭއީއޭއިން ފާސްކޮށްފައިވާ ދެ މަރުކަޒުގެ ނަން އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް 2003ވަނަ އަހަރު އެ ދެ މަރުކަޒުގައި ކުރިއަށް ގެންގޮސްފައިވާކަމަށް ޝައްކުކުރެވޭ ޙަރަކާތްތައްވަނީ ކިޔައިދީފައެވެ. އީރާނުން ނިއުކުލިޔަރ ހަތިޔާރު އުފެއްދުމަށް ހިންގަމުންދިޔަ ސިއްރު މަޝްރޫޢު ހުއްޓާލައިފައިވަނީ އެ އަހަރުގައިކަމަށް އެމެރިކާގެ ޖާސޫސީ އިދާރާއިންނާއި އައިއޭއީއޭއިން ޤަބޫލުކުރެއެވެ. ނަމަވެސް އީރާނުން އެ ތުހުމަތުތައް ދޮގުކުރެއެވެ. އީއައިއީއޭއިން ބޭނުންވެއްޖެ ހިނދެއްގައި އީރާނުގެ ކޮންމެ ސަރަޙައްދެއްވެސް ފާސްކުރުމުގެ އިހުތިޞާސް ލިބިގެންވާކަމަށް އެ އިދާރާއިން ބުނެއެވެ. ނަމަވެސް އެއްބަސްވުމަކާހަމައަށް އާދެވެންދެން އައިއޭއީއޭއިން އެ ޤައުމުގެ ނިއުކުލިޔަރ ދެ މަރުކަޒު ފާސްކުރުމަށް އީރާނުން އެއްބާރުލުން ދީފައެއް ނުވެއެވެ.

ނަމަވެސް މިދިޔަ އޮގަސްޓު މަހުގެ ފަހު ހަފުތާގެ ތެރޭގައި އީރާނުގައި ނިއުކުލިޔަރ ހަތިޔާރު އުފައްދާކަމަށް ޝައްކުވި ދެ މަރުކަޒެއް ބަލާ ފާސްކުރުމުގެ ޙުއްދަ އެ ޤައުމުންވަނީ އައިއޭއީއޭއަށް ދީފައެވެ. އޭގެ ތެރެއިން އެއް މަރުކަޒު މިދިޔަ ސެޕްޓެމްބަރު މަހުގައި އައިއޭއީއޭއިންވަނީ ފާސްކޮށްފައެވެ. އެ ފަހަރު ނެގި ސާންޕަލުތަކުގެ ފުރިހަމަ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ.

ދެވަނަ މަރުކަޒު ފާސްކުރުމަށްފަހު އައިއޭއީއޭއިން ނެރުނު ބަޔާނެއްގައި ބުނި އީރާނާއެކު އެ އިދާރާއިން ވެފައިވާ އެއްބަސްވުމުގެ ދަށުން މި ހަފުތާގެ ތެރޭގައި ދެވަނަ މަރުކަޒު ފާސްކޮށްފައިވާކަމަށާއި އެ މަރުކަޒުން ސާންޕަލު ނަގައިފައިވާކަމަށެވެ. ފުރަތަމަ އަދި ދެވަނަ މަރުކަޒުން ނަގާފައިވާ ސާންޕަލުތައް ތަހުލީލުކުރުމަށް ލެބޯޓަރީތަކަށް ފޮނުވާ ނިއުކުލިޔަރ މާއްދާގެ އަސަރު ހުރިތޯ އައިއޭއީއޭއިން ބަލާނެއެވެ. ނަމަވެސް ތަހުލީލުތަކުގެ ނަތީޖާ ލިބުމަށް ގިނަ މަސްތަކެއް ނެގުން އެކަށީގެންވެއެވެ.

2015ވަނަ އަހަރު އީރާއި ޗައިނާއާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި ރަޝިޔާގެ އިތުރުން އިނގިރޭސިވިލާތާއި އެމެރިކާއިންވަނީ ނިއުކުލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި ނިއުކުލިޔަރ އެއްބަސްވުމުން އެމެރިކާއިން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމުން އީރާނުންވަނީ އެއްބަސްވުމުގެ ބައެއް ކަންކަމާ ޚިލާފަށް ފައުޅުގައި ޢަމަލުކުރަން ފަށައިފައެވެ. އޭގެ ތެރޭގައި އެ ޤައުމަށް ހުއްދަ ދީފައިވާ މިންވަރަށްވުރެ އިތުރަށް ޔުރޭނިއަމް ފައްކާކުރުން ހިމެނެއެވެ. ނަމަވެސް ނުރައްކާތެރި އެޓޮމިކް ހަތިޔާރެއް ހެދުމަށް ބޭނުންވާ މިންވަރާ ގާތްކުރާ ވަރަށްވެސް އީރާނުން ޔުރޭނިއަމް ފައްކާކޮށްފައެއް ނުވެއެވެ.

ފަހުން ފާސްކުރި ދެ މަރުކަޒުން ނެގި ސާންޕަލުތަކުގެ ނަތީޖާތައް ލިބުމުގެ ކުރިން ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިމި، މިހާރުގެ ރައީސްގެ ގޮތުގައި ހުންނެވި ޑޮނަލްޑް ޓްރަންޕް އިތުރު ދައުރަކަށް ދެމިހުންނަވާނެކަން ނުވަތަ ނޫންކަން ޔަޤީންވާނެއެވެ. ޓްރަންޕަކީ ދުނިޔޭގެ ބާރުތަކާއެކު 2015ވަނަ އަހަރު އީރާނުންވީ ނިއުކުލިޔަރ އެއްބަސްވުން ރޫޅާލުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ބޭފުޅެކެވެ.

އީރާނުގެ އެޓޮމިކް އެނާޖީ އޭޖެންސީގެ ތަރުޖަމާނު، ބެހުރޫޒު ކަމަލްވަންދީ ވިދާޅުވީ ނިއުކުލިޔަރ މަރުކަޒުތައް ފާސްކުރުމުގެ ސަބަބުން އެމެރިކާއިން އީރާނުގެ މައްސަލައިގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުމަކަށް އަންނާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އައިއޭއީއޭއާއެކު ޚިޔާލުތަފާތުވުމުގެ ސަބަބުން ކުރިމަތިވި ސިޔާސީ ފިއްތުންތަކުގެ ސަބަބުން ވަކި ގޮތަކަށް މައްސަލަ ކުރިއަށް ނުގޮސް މަޑުޖެހުނުކަމަށް އޭނާ ވިދާޅުވިއެވެ. އެ ޙާލަތު ދެމިގެން ގޮސްފިނަމަ އޭގެ ފައިދާ އެމެރިކާފަދަ ޤައުމުތަކުން ނެގުމުގެ ކަންބޮޑުވުން އޮތުމުން ޙާލަތުގެ މައްޗަށް ރިޢާޔަތްކޮށް ވަކި އޮނިގަނޑެއްގެ ދަށުން ދެ ނިއުކުލިޔަރ މަރުކަޒުތައް ފާސްކުރުމުގެ ޙުއްދަ ދިނުމަށް އެ ޤައުމުން ނިންމިކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އީރާނުގެ މައްސަލަ ސިޔާސީކޮށް އދ.ގެ ސަލާމަތީ މަޖިލީހާހަމައަށް މައްސަލަ ގެންދިޔުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް އޭގެ ސަބަބުން ހުއްޓޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.