ކުޅިވަރު

ފަހަތުން އަރައި ބީޖީގެ މައްޗަށް ނިއުރޭޑިއަންޓް ކުރި ހޯދައިފި


ޕްރެޒިޑެންޓްސްކަޕް ފުޓްބޯޅަ މުބާރާތުގެ ފެށުން ނިއުރޭޑިއަންޓް ރަނގަޅުކޮށްފިއެވެ. ގްރޫޕް ސްޓޭޖްގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުން ނިއުރޭޑިއަންޓް މޮޅުވީ ބީޖީ ސްޕޯޓްސްއާއި ވާދަކޮށް ފަހަތުން އަރާ ތިނެއް އެކެއްގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ބީޖީން. ފުރަތަމަ ހާފްގައި ބީޖީގެ ލަނޑު ޖަހައިދިނީ ބިދޭސީ ފޯވާޑް ޑޭވިޑެވެ. ދެވަނަ ހާފްގައި ނިއުރޭޑިއަންޓުންވަނީ ތިން ލަނޑު ޖަހައި މެޗުގެ ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލާފައެވެ. ނިއުރޭޑިއަންޓްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ވިލިއަމެވެ. އަނެއް ލަނޑު ޖަހައިދިނީ އިބްރާހިމް ފަޒީލެވެ.މެޗަށްފަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗް ސޮބާހް މުހައްމަދު ބުނީ މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަންކަމަށާއި، އެކަން ވަރަށް ރަނގަޅަށް ކާމިޔާބުވެއްޖެ ކަމަށެވެ. މެޗުގައި ބޭނުންވި ވަގުތުތަކުގައި ގޯލްތައް ޖެހުނު ކަމަށާއި، މެޗުން މޮޅުވުމުގައި ވަކި ވަކި ކުޅުންތެރިންގެ ހިއްސާވެސް ބޮޑުކަމަށެވެ. ވަކިން ޚާއްސަކޮށް ބިދޭސީ ފޯވާޑް ވިލިއަމް މެޗުގައި ދެއްކި ކުޅުން ސޮބާހް ފާހަގަކުރިއެވެ.ބީޖީގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ މެޗުގެ ނަތީޖާއާއި މެދު ހިތްހަމަ ނުޖެހޭކަމަށާއި، މެޗުން ބަލިވީ ކުޅުންތެރިން މެޗަށް އެންމެ އެކަށީގެންވާ މިންވަރަށް ސަމާލުކަން ނުދިނުމުންކަމަށް. މެޗުގައި ރެފްރީގެ ނިންމުންތަކާއި މެދު ސުވާލުއުފެދޭކަމަށާއި، ކުޅުންތެރިންގެ ކޮންސެންޓްރޭޝަން މެޗުގައި ގެއްލުނީ އެހެންވެ ކަމަށެވެ. ޝާޒްލީ ބުނީ ރެފްރީންގެ ވާހަކަ ދައްކާ ހިތްވެސް ނުވާކަމަށާއި، އެހެންނަމަވެސް މިފަދަ މުހިންމު މެޗުތަކުގައި ރެފްރީންނަށް ހެދޭ ގޯސްތަކުގެ ސަބަބުން ބޮޑެތި ޓީމްތައް ބަލިކުރަން އުނދަގޫވާކަމަށް އޭނާ ބުންޏެވެ.ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި މާދަމާ ޓީސީ ސްޕޯޓްސް ނިކުންނާނީ މަހިބަދޫ ސްޕޯޓްސްއާއި ދެކޮޅަށެވެ.