ޚަބަރު

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ސަސްޕެންޑްކޮށްފި


މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީ ޢަބްދުﷲ ފަޔާޒް ސަސްޕެންޑްކޮށްފިއެވެ. ފަޔާޒު ސަސްޕެންޑްކޮށްފައިވާކަން ބަޔާންކޮށް ސިވިލް ސާރވިސް ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީ ސަސްޕެންޑް ކޮށްފައިވަނީ އެކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަތަކެއް ތަޙްޤީޤްކުރުމަށްކަމަށެވެ. އޭނާ ސަސްޕެންޑްކޮށްފައިވަނީ މުސާރަ ލިބޭގޮތަށް އެއްމަސްދުވަހުގެ މުއްދަތަކަށެވެ.

އެނގިފައިވާގޮތުގައި އޭނާ ސަސްޕެންޑްކޮށްފައިވަނީ ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއި ބެހޭ ގަވާއިދު ޓްރާންސްޕޯޓް މިނިސްޓްރީން އުވާލުމާއި ގުޅިގެން ބަލަމުންދާ މައްސަލަތަކެއްގައެވެ.

ޕަރމަނަންޓް ސެކްރެޓަރީންނަކީ، އެ މަގާމުގައި ތިއްބެވި ބޭފުޅުން ވަޒީފާ އަދާކުރާ މިނިސްޓަރުންގެ ދަށުން މިނިސްޓްރީ ހިންގައި ބެލެހެއްޓުމާއި، އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދީ އެހީތެރިވެދިނުމާއި، އެ މިނިސްޓްރީގެ ދާއިރާގެ ސިވިލް ސަރވިސްގެ މުވައްޒަފުންނާ ބެހޭ އެންމެހައި ކަންތައްތައް ހިންގާ ބެލެހެއްޓުމުގެ ޒިންމާ ޤާނޫނީ ގޮތުން ހަވާލުވެފައިވާ ބޭފުޅުންނެވެ.