ދުނިޔެ

ދެ މެންބަރުންނަށް ކޯވިޑް ޖެހުމުން އިޓަލީވިލާތުގެ މަޖިލިސް މެދުކަނޑާލައިފި


ދެ މެންބަރުންނަށް ކޯވިޑް-19 ޖެހުމުން އިޓަލީވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް މެދުކަނޑައިލައިފިއެވެ. އިޓަލީވިލާތުގެ ސަރުކާރު ހިންގުމުގައި ބައިވެރިވާ ފައިސް ސްޓާ މޫވްމަންޓަށް ނިސްބަތްވާ ދެ މެންބަރުންވަނީ ކޯވިޑް-19 ޖެހުމުގެ ސަބަބުން އެކަހެރިވެވަޑައިގެންފައިވާކަމަށް މީސްމީޑިޔާގައި އިޢުލާނުކުރައްވާފައެވެ.

މެންބަރު މާކޯ ކުރޮއަޓީ ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 24ވަނަ ދުވަހު ބޭއްވި ފައިވް ސްޓާ މޫވްމަންޓުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވިކަމަށެވެ. ނަމަވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މާސްކު ތުރުކުރައްވައިގެންކަމަށާއި ގައިދުރުކަން ފަރިތަކުރައްވާފައިވާކަމަށެވެ. ފައިވް ސްޓާ މޫވްމަންޓަށް ނިސްބަތްވެވަޑައިގަންނަވާ ހުރިހާ މެންބަރުން މިހާރު ކޯވިޑް-19އަށް ތަހުލީލުކޮށްފައިވާކަމަށް ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ އިދާރާއިންވަނީ ބުނެފައެވެ.

ކޯވިޑް-19 ޖެހިފައިވާ ދެވަނަ މެންބަރު، ފްރާންސެސްކީ މޮލާމޭ ވިދާޅުވީ ހުމުގެ އަސަރު ކޮންމެވެސް ވަރަކަށް ހުރުމުން ސެޕްޓެމްބަރު މަހުގެ 24ވަނަ ދުވަހު ބޭއްވި ފައިވް ސްޓާ މޫވްމަންޓުގެ ބައްދަލުވުމުގައި އޭނާ ބައިވެރިވަޑައިގެންފައިނުވާކަމަށެވެ. ނޭވާލުމުގައި ދަތިތަކެއް މިހާރު އެބަހުރިކަމަށާއި މިހާރު ގޯސްވެފައިވާ މިންވަރަށް އޭނާގެ ޞިއްޙީ ޙާލަތު މީގެ ކުރިން ގޯސްވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ކޯވިޑް-19އަކީ ވަރަށް ވޭންހުރި ބައްޔެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އިޓަލީވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި ތިއްބަވާ 319 މެންބަރުންގެ ތެރެއިން 95 މެންބަރުން ނިސްބަތްވެވަޑައިގަންނަވަނީ ފައިވް ސްޓާ މޫވްމަންޓަށެވެ. ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި އެންމެ ގިނައީ އެ ޕާޓީއަށް ނިސްބަތްވާ މެންބަރުންނެވެ. އެ މަޖިލީހުގައި އިންނަވާ ދެ މެންބަރުންނަށް ކޯވިޑް-19 ޖެހިފައިވާވަނީ ޔޫރަޕިއަން ރިކަވަރީ ފަންޑުން އެ ޤައުމަށް ލިބޭ ފައިސާ ޚަރަދުކުރާނެ ގޮތާމެދު މުހިންމު ބަހުޘްތައް ކުރުމަށް ތައްޔާރުވަމުންދަނިކޮށެވެ. އެ މަޖިލީހުގެ ޖަލްސާތައް ވަގުތީ ގޮތުން މެދުކަނޑާލައިފައިވާނަމަވެސް އިތުރު މެންބަރުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށް ނަތީޖާތަކުން ދައްކައިފިނަމަ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް މަދުކުރުން ނުވަތަ ކުރުކުރުން އެކަށީގެންވެއެވެ.