ކުޅިވަރު

ދޮޅު މަސްދުވަހު ޕްރެކްޓިހެއް ނެތި މިއީ ރަނގަޅު ފެށުމެއް – ސުޒޭން




ދޮޅު
މަސްދުވަހު ޕްރެކްޓިސްއެއް ނުކޮށްތިބެ މިއީ ރަނގަޅު ފެށުމެއްކަމަށް މާޒިޔާގެ ކޯޗު
އަލީ ސުޒޭން ބުނެފިއެވެ. މިއަދު އައްޑޫ ސިޓީއާއި ކުޅުދުއްފުށީގައި ފެށި
ޕްރެޒިޑެންޓްކަޕް 2015 ގެ ގްރޫޕް ދޭއްގެ ފުރަތަމަ މެޗު ވެލެންސިޔާއާއާއި ވާދަކޮށް،
2-0 ން ކާމިޔާބުކުރުމަށްފަހު ސުޒޭން ބުނީ ހާޞިލްކުރަން ބޭނުންވި ކަންތައް ހާޞިލްކުރެވިއްޖެކަމަށެވެ.




މެޗުން ލިބުނު ތިން ޕޮއިންޓަށް އިޝާރާތްކޮށް ސުޒޭން
ބުނީ ކަމެއް ނެތި ތިބެފައި މިނަތީޖާވެސް ރަނގަޅުކަމަށެވެ.



" ފާއިތުވި ދޮޅުމަސްދުވަސް މިދިޔައީ
މެޗެއްވެސް ނުކުޅެ، ކަމެއް ނެތި. ހަމައެކަނި ސިކްސްއަސައިޑް ކުޅެލަ ކުޅެލަ ތިބޭތާ
ދޮޅުމަސްވީ. ޤައުމީ ޓީމަށް ކުޅުންތެރިންތައް ދޫކޮށްގެން ބާކީ ތިބި މަދު
ކުޅުންތެރިންނާއެކު ކުރެވުނު ހަމައެކަނި ކަމަކީ ފިޓްނަސް ހިފަހައްޓާލުން.
އެހެންވީމާ ގޯހެއްނޫން. " ސުޒޭން ބުންޏެވެ.



ވެލެންސިޔާގެ ކޯޗު މުޙައްމަދު އިޤްބާލްވެސް ބުނީ
ނަތީޖާވެސް ކުޅުންވެސް ގޯސް ނޫންކަމަށެވެ.



" މާޒިޔާގައި އެއޮތީ ރަނގަޅު މޮޅު ޓީމެއް.
ވެލެންސިޔާކަހަލަ އެވްރެޖް ޓީމަކުން ނެރުނު ނަތީޖާ ގޯހެއްނޫން. ކުޅުންވެސް
ރަނގަޅު. މިކުޅުން ކުރިއަށް އޮތް ދެމެޗުގައިވެސް ކުޅެފިނަމަ ރަނގަޅުވާނެ.
ހަމައެކަނި ކޮށްލަން ޖެހޭކަމަކީ ފުރުޞަތު ހޯދައި ގޯލް ޖެހުން. " އިޤްބާލް
ބުންޏެވެ.



މެޗުގައި މާޒިޔާއިން ޖެހި ދެގޯލްވެސް ޖެހީ ފުރަތަމަ
ހާފްގައެވެ. ފުރަތަމަ ލަނޑު އަށްވަނަ މިނިޓްގެ ތެރޭގައި ޖެހީ ކެޕްޓަން އަސަދުޤ
އަބުދުﷲއެވެ. ދެވަނަ ލަނޑު 45 ވަނަ މިނިޓްގައި ޖެހީ އަހުމަދު އިމާޒްއެވެ. ދެވަނަ
ހާފްގައި އިމާޒްއާއި މުޙައްމަދު އުމެއިރުއަށް ލިބުނު ފުރުޞަތުތައް ގޯލާ
އަމާޒުކޮށްލެވޭގޮތެއް ނުވިއެވެ.



މުބާރާތުގެ
ގްރޫޕް ދޭއްގައި މާދަމާ އައްޑޫ ސިޓީގައި ކުޅޭ މެޗުގައި ވާދަކުރާނީ ވިކްޓްރީއާއި
ކްލަބް އީގަލްސްއެވެ. މިމެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ.