ވިޔަފާރި

އެމްޓީސީސީގެ ޙިއްޞާގެ ފައިދާ އާދީއްތަ ދުވަހުން ފެށިގެން ދޫކުރަން ފަށަނީ


މިދިޔަ އަހަރުގެ އެމްޓީސީސީގެ ފައިދާއިން ޙިއްޞާދާރުންނަށް ބެހުމަށް ނިންމާފައިވާ ފައިސާ އަންނަ އާދީއްތަދުވަހުން ފެށިގެން ދޫކުރަމުންދާނޭކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީސީން އެންމެ ފަހުން ބޭއްވި އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބަހަން ނިންމާފައިވަނީ، ޙިއްޞާ އަކަށް 2 ރުފިޔާއެވެ. ޙިއްޞާގެ ފައިދާ ނަގަން ބޭނުންވާ ފަރާތްތަކުން އެމްޓީސީސީން ދޫކުރާ "ބޭންކަށް ޙިއްޞާގެ ފައިދާ ޖަމާކުރުމަށްއެދޭ ފޯމް" ފުރުމަށްފަހު ފޯމާއިއެކު އެފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް އެކުންފުންޏަށް ހުށަހެޅުމުން އެފަރާތްތަކުގެ ޙިއްޞާގެ ފައިދާ ބޭންކު އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މި ފޯމް އެކުންފުނީގެ ވެބްސައިޓުން ލިބޭނެއެވެ.

ބޭންކް އެކައުންޓަށް ޙިއްޞާގެ ފައިދާ ޖަމާކުރުމަށް ކުރިން އެދިފައިވާ ފަރާތްތަކުގެ ޙިއްޞާގެ ފައިސާ، ފައިދާ ދޫކުރަން ފަށާތާރީޚުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ޖަމާކޮށް ދެވޭނެ ކަމަށްވެސް އެމްޓީސީސީން ހާމަކުރެއެވެ.

އެމްޓީސީސީން ވަނީ 1981 ވަނަ އަހަރުން ފެށިގެން މިހާތަނަށް ހިއްސާގެ ފައިސާ ނުނަގާ ތިބި ޙިއްޞާދާރުން ފައިސާ ނެގުމަށް އިލްތިމާސްކޮށްފައެވެ.

އެމްޓީސީސީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ "ފަހިވޯޓް" ވެދުވެރިކޮށެވެ. މި ޖަލްސާގައި މުޅިއެކު ތަމްސީލްކޮށްފައިވަނީ 47 ހިއްސާދާރުންނެވެ. އެއީ ޖަލްސާގައި ބައިވެރިވި 25 ހިއްސާދާރުންނާއި ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވި 42 ހިއްސާދާރުންނެވެ.

މި ޖަލްސާގައި އެމްޓީސީސީގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާއަށް، މޫނުމަތީ އަގު ފަސް ރުފިޔާގެ ހިއްސާއަކަށް ދެ ރުފިޔާ ބަހަން ވަނީ ފާސްކޮށްފަ އެވެ. މިދިޔަ އަހަރު އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 53.3 މިލިއަން ރުފިޔާއެވެ.