ޚަބަރު

ދުނިޔޭގެ ޤުދުރަތީ ނިޒާމަށް ލޮޅުންއަރާފަދަ ކަންކަން ނުހުއްޓުވައިފިނަމަ ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ - ރައީސް


ދުނިޔޭގެ ގުދުރަތީ ނިޒާމަށް ލޮޅުން އަރާފަދަ ކަންކަމުގެ ސަބަބުން ދިމާވެދާނެ ގުތުރަތީ މުސީބާތްތަކުން ރައްކާތެރިވުމަށްޓަކައި ޤައުމުތައް ގުޅިގެން އެފަދަ ކަންތައްތައް ހުއްޓުވުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފިއެވެ.

އދ.ގެ ބަޔޯޑައިވަރސިޓީ ސަމިޓުގައި ތަޤްރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ މިވަގުތު ތިމާވެށީގެ ނަޒަރުން ބަލާއިރު ކުރިމަތިވަމުން މިދަނީ ގުދުރަތީ އިންތައް ފަހަނައަޅާގޮސް ގުދުރަތީ ވަޞީލަތްތަކަށް ގެއްލުންވަމުންދިޔުމުގެ ނަތީޖާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން މިހާރު މުޅި ދުނިޔޭގެ ހިންގުން ހުއްޓިފައިވާކަމަށެވެ. އަދި ދިމާވާ މިފަދަ ބަލިމަޑުކަމާއި އެހެންވެސް ކަންތައްތަކުން ލިބޭ ގެއްލުންތަކުން އަރައިގަނެ އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުން މުޖުތަމަޢު ބިނާކުރާއިރު ދުނިޔޭގެ ޤުދުރަތީ ނިޒާމަށް ލޮޅުންއަރާފަދަ ކަންކަމަށް ސަމާލު ނުވެވިއްޖެނަމަ މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ނުރައްކަލަށްވުރެ ބޮޑު ގުދުރަތީ މުސީބާތެއް ކުރިމަތިވުމުގެބިރު އެބައޮތް ކަމަށެވެ. އެހެންކަމުން ޤައުމުތަކުން މިކަމަށް ސަމާލުވުން މުހިންމު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގުދުރަތީގޮތުން ކުރިމަތިވަމުން އަންނަ މޫސުމީ އެކި މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ އެފަދަކަންކަމަކީ ރާއްޖެ ފަދަ ކުދި ޤައުމުތަކުގެ ތަރައްޤީއަށް ކުރިމަތިވެފައިވާ ބޮޑު ދަތިކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މިފަދަ ކަންކަމާމެދު ޤައުމީ ފެންވަރުގައާއި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަމުން ގެންދާ މަސައްކަތްތަކަށް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައަކީ ޕްލާސްޓިކްގެ މައްސަލަކަން ފާހަގަކުރައްވައި، ރާއްޖެއިން ޕްލާސްޓިކް މަދުކޮށް ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ.

ރާއްޖެއަކީ ބައިނަލްއަޤުވާމީ މައިދާނުގައި ކަނޑަށް އެޅޭ ޕްލާސްޓިކާއި ދެކޮޅަށް މަސައްކަތްކުރާ ޗެއާކަން ފާހަގަކުރައްވާ މިމަސައްކަތް ހަރުދަނާކުރައްވާނެކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ. އަދި މިކަމަށް އެންމެން ގުޅިގެން މަސައްކަތްކުރެވޭނެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް އެކުލަވާލައްވާ މަސައްކަތް ކުރުމުގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ޕްލޭންގެ ދަށުން ބައިނަލްއަޤުވާމީ ބޮޑެތި ޖަމްޢިއްޔާތަކާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ޙާލަތު ދެނެގަނެ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދިރުން ދެމެހެއްޓުމަށް މަސައްކަތްކުރައްވަމުންގެންދަވާކަމަށް ރައިސް ޞާލިޙުވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ނޫ އިގްތިޞާދު ކުރިއެރުވުމުގައި ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓްތަކަށް މަސައްކަތްކުރަމުންގެންދާކަންވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަކީ އިންސާނުންގެ ޒިންމާއެއްކަން ފާހަގަކުރައްވައި، އެ ޒިންމާ އަދާކުރުމަށް ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.