ޚަބަރު

ސީޑީސީގެ ކުދިން އެމްއައިބީއަށްކުރި ތަޖްރިބާގެ ދަތުރު


ކެއަރ ސޮސައިޓީން ހިންގަމުން އަންނަ ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުގައި ކިޔަވާ ޚާއްސަ އެހީއަށް ބޭނުންވާ ކުދިން، މޯލްޑިވްސް އިސްލާމިކް ބޭންކްއަށް އަމަލީ ތަޖުރިބާ ހޯދުމުގެ ޒިޔާރަތެއްކޮށްފިއެވެ. މިއީ މުޖުތަމަޢު ތެރޭގައި ހިނގާ ތަފާތުކަންކަމާއި ގުޅޭގޮތުން އެ ސެންޓަރުގައި ކިޔަވާ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށް ކެއަރ ސޮސައިޓީއިން މައުލޫމާތުދެއެވެ. އެ ސެންޓަރުގައި ކިޔަވާ ޚާއްސަ އެހީއަށް ބޭނުންވާ ކުދިން، މޯލްޑިވްސް އިސްލާމިކް ބޭންކްއަށް ޒިޔާރަތްކުރުމުން އެ ބޭންކުގެ ފަރާތުން އެކުދިންނަށް ވަރަށް ހޫނު މަރުޙަބާއެއް ވަނީ  ކިޔާފައެވެ. މިއީ މުޖުތަމަޢުގައި ހުންނަ އެކިކަހަލަ ކަންތައްތަކާއި ގުޅޭގޮތުން އެކުދިންނަށް މައުލޫމާތުދީ، މުޖުތަމަޢުތެރޭ އެހެންކުދިންނެކޭވެސް އެއްފަދައިން އެކުންދިންނަށް އުޅެން ދަސްކޮށްދިނުމަށް އެ ސެންޓަރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އެގޮތުން އަހަރުގެ އެކި މަސްމަހަށް ބަހާލެވިގެން އެކިކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްސަ ޕްރޮގްރާމްތައް އެ ސެންޓަރުން ދަނީ ހިންގަމުންނެވެ. ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން ކެއަރ ސޮސައިޓީގެ ޑިރެކްޓަރ ޕްރޮގްރާމް އައިޝަތު ލޫބާ ވިދާޅުވީ، އިސްލާމިކް ބޭންކަށް މި ކުރި ޒިޔާރަތަކީ، މި މަހު ޚާއްސަ ކުރެވިފައިވަނީ ފައިސާގެ މުޢާމަލާތް ކުރާނެގޮތްތައް އެކުދިންނަށް ދަސްކޮށްދިނުންކަމަށްވާތީ، އެ ބޭނުމުގައި ކުރެވުނު ޒިޔާރަތެއްކަމަށެވެ. މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން ވާހަކަދައްކަވަމުން އެ ބޭންކްގެ ހެޑް އޮފް މާކެޓިންގ އެންޑް ކޯރޕަރޭޓް އެފެއަރޒް، މުހައްމަދު ޝަފާޢު ޙަސަން ވިދާޅުވީ، ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުގެ ކުދިން އިސްލާމިކް ބޭންކްއަށް ކުރި މި ޒިޔާރަތުގައި އެ ބޭންކްގެ މަސައްކަތްތައް ކުރިއަށްދާގޮތާއި، ފައިސާ ގުނުމާއި، ފައިސާގެ މުހިއްމުކަން އަދި އެކައުންޓެއް ހުޅުވުމަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން މައުލޫމާތު ހޯދާފައިވާކަމަށެވެ. އަދި އަމަލީގޮތުން އެކަންކަން ތަޖުރިބާކުރުމުގެ ފުރުސަތު އެކުދިންނަށް ދެވުނުކަމަށްވެސް ޝަފާޢު ވިދާޅުވިއެވެ.އެކިކަހަލަ ސަބަބުތަކާހުރެ ބަންދުކޮށްފައި އޮތުމަށްފަހު، މިމަހު ކެއަރ ޑިވެލޮޕްމަންޓް ސެންޓަރު އަލުން ހުޅުވާފައިވަނީ 14 ކުދިންނާއެކުއެވެ. ލުބާ ވިދާޅުވީ، މިވަގުތު އެ ސެންޓަރުން ޚިދުމަތްދެމުން އަންނަނީ އުމުރުން 12 އަހަރުން މަތީގެ ކުދިންނަށްކަމަށްވީނަމަވެސް، އެ ސެންޓަރުގެ ހުރިހާ ޕްރޮގްރާމްތަކެއް ފެށުމާއެކު، އެކި އުމުރުފުރާގެ 100އަށް ވުރެ ގިނަ ކުދިންނަށް ފުރުސަތު ހުޅުވާލެވިގެންދާނެކަމަށެވެ. ކެއަރ ސޮސައިޓީން ބުނީ މިފަދަ ހަރަކާތްތަކުގެ ސަބަބުން، އެ ސެންޓަރުގައި ކިޔަވަމުންދާ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ހުނަރުވެރިކަން އިތުރުކޮށް، އެކުދިންނަށް އަމިއްލައަށް އެކިކަހަލަ މަސައްކަތް ކުރުމަށް ދަސްކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނަކަން ފާހަގަކުރެވޭކަމަށެވެ. އަދި ކުރިއަށްއޮތްތާނގައި، މިފަދަ އިތުރު ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް ކެއަރ ސޮސައިޓީން ހާމަކުރެއެވެ.