ދުނިޔޭގެ ވިޔަފާރި

ވޯލްޓް ޑިޒްނީއިން 28 ހާސް މުވައްޒަފުން ވަކިކުރަނީ


ވޯލްޓް ޑިޒްނީ ކުންފުނީގައި މަސައްކަތްކުރާ 28 ހާސް މުވައްޒަފުން ވަކިކުރުމަށް ނިންމާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ޑިޒްނީ ކުންފުނިން ބުނީ ވަޒީފާއިން ވަކިކުރާ 28 ހާސް މުވައްޒަފުންގެ ތެރެއިން ގިނަ މުވައްޒަފުންނަކީ އެމެރިކާގެ ޑިޒްނީ ތީމް ޕާކްތަކުގައި މަސައްކަތްކުރާ މުވައްޒަފުންކަމަށެވެ. އަދި ކޯވިޑްއާ ގުޅިގެން ޕާކްތަކަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެ، އެތަންތަނަށް ލިބެމުންދިޔަ އާމްދަނީވެސް ހުއްޓިފައިވާކަމަށް ޑިޒްނީން ބުނެއެވެ. އަދި އެމެރިކާގެ އެންމެ ބޮޑު ސްޓޭޓްކަމަށްވާ ކެލިފޯނިއާ ސްޓޭޓްގެ ޕާކްތައް އަދިވެސް ނުހުޅުވާކަމަށް ޑިޒްނީއިން ބުނެއެވެ.

ކޯވިޑްއާ ގުޅިގެން ޑިޒްނީގެ ހުރިހާ ޕާކްތަކެއް ބަންދުކޮށްފައި އޮތުމަށްފަހު އަނެއްކާވެސް ހުޅުވަމުންދިޔަނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ޕާކުތަކަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ވަނީ ކޮންޓްރޯލްކޮށްފައެވެ.

ޑިޒްނީ ކުންފުނިން ބުނީ މުވައްޒަފުން ވަކިނުކޮށް ވެތޯ ބެލުމަށް ގިނަ މަސައްކަތްތަކެއް ކުރިކަމަށެވެ. އެގޮތުން އެކި ދިމާލުން ޚަރަދުތައް ކުޑަކޮށްގެންވެސް ކުންފުނީގެ ޚަރަދުތައް ދެކޮޅު ޖެއްސޭނެ ގޮތެއް އޮތްތޯ ބެލިކަމަށް ޑިޒްނީ ކުންފުނިން ބުނެއެވެ.