ޚަބަރު

މުޙައްމަދު ސަމާޙު މެރުމަށް ދަށުކޯޓުން އިއްވި ހުކުމް ހައިކޯޓުން ދަމަހައްޓައިފި


ޕޮލިސް ސާރޖަންޓް އާދާމަ ހަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި މުޙައްމަދު ސަމާޙު މެރުމަށް ދަށުކޯޓުން އިއްވި ހުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ.

ފުލުހުންގެ ޑިއުޓީގައި ހުއްޓާ ކ.ކާށިދޫ ކެތި އާދަމް ޙަލީމަށް ތޫނު އެއްޗަކުން ހަމާލާދީ ކ.ކާށިދޫ ސުވާސާގެ މުޙައްމަދު ސަމާޙު މަރާލީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަދުވަހުއެވެ. މި މައްސަލާގައި މަރަށް މަރު ހިފުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަދުވަހުއެވެ.

އާދަމް ޙަލީމަށް ތޫނު އެއްޗަކުން މުޙައްމަދު ސަމާޙު ހަމަލާދީނީ އޭނާ ގޭ ބަންދުގައި ހުއްޓާ ގެއިން ބޭރަށް ނިކުމެފައި ވާތީ، ކ.ކާށިދޫ ޕޮލިސް ސްޓޭޝަނަށް ގެންދަން އުޅުމުން އެކަމާއި ހިތްހަމަނުޖެހި ހިންގި ހަމަނުޖެހުމެއްގެ ތެރޭގައެވެ. ޕޮލިސް ސާރޖަންޓް އާދަމް ޙަލީމު މަރުވެފައިވަނީ އެނާއަށް ދިން ހަމަލާއަށް ފަރުވާކުރަމުންދަނިކޮށް 23 ޖުލައި 2012 ދުވަހުއެވެ.

މި މައްސަލާގައި ދަށުކޯޓުން ސަމާޙު މެރުމަށް އިއްވި ހުކުމް އެނާގެ ފަރާތުން އިސްތިއުނާފުކޮށްފައެއް ނުވެއެވެ. މަރުގެ މައްސަލަތަކުގައި ހުކުމް ސައްހަކަން ކަށަވަރުކުރުމަށް މައްސަލަ ރައްދުވާ ފަރާތުން އިސްތިއުނާފުނުކުރާ ނަމަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އިސްތިއުނާފަށް ހުށައަޅަންޖެހެވެ. މި މައްސަލަ ހައިކޯޓަށް ހުށައެޅީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ.

މި މައްސަލާގައި ދަށުކޯޓްގައި ހިނގި ޝަރީއަތުގައި މުޙައްމަދު ސަމާޙު ވަނީ އޭނާގެ ކުށަށް އިއުތުރާފުވެ އާދަމް ޙަލީމަށް
ޙަމަލާދިނުމަށް ރޭވިގޮތާއި، އެކަން ޢަމަލީގޮތުން ހިނގާދިޔަ ގޮތް ވަރަށް ތަފްޞީލުކޮށް ޝަރީއަތުގެ މަޖިލީހުގައި ކިޔާދީފައެވެ. އަދި އެނާ ކުށަށް އިއުތިރާފުވުމުން ވާރިޘުންގެ ބަސް ނެގުމުން ހުރިހާ ވާރިޘުން ބޭނުންވީ މަރަށް މަރު ހިފުމަށެވެ. އެހެންނަމަވެސް ވާރިޘުންގެ ވާހަކަތަކާއި މެދު ދެކޭގޮތެއް ބެލުމަށް ޝަރީޢަތުން ފުރުޞަތު ދިނުމުން މުޙައްމަދު ސަމާޙުވަނީ އެނާ ވެފައިވާ އިޢުތިރާފުން
ރުޖޫޢަވެފައެވެ.

މި މައްސަލަ ނިންމާ ހައިކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ ފެންނަންހުރި ލިޔެކިޔުންތަކަށް ބެލުމުން މުޙައްމަދު ސަމާޙު ގެ މައްޗަށް ތުޙުމަތުކުރެވުނު މައްސަލައިގައި ފަނޑިޔާރެއްގެ ކުރިމަތީގައި އޭނާ ކުށަށް އިޢުތިރާފުވެފައިވާކަމަށެވެ. އަދި އެނާ ކުށަށް އިޢުތިރާފުވެފައިވަނީ ކުރިމަތިވި މަޖުބޫރެއްގެ ސަބަބުންކަމަށް މުޙައްމަދު ސަމާޙު ބުނި ނަމަވެސް އިޢުތިރާފުވީ މަޖުބޫރީ ޙާލަތެއްގައި ހުރެކަމަށް ބުނާ ބުނުމަށް ބާރު ލިއްބައިދޭ ހަރުދަނާ ކަންތައްތަކެއްވެސް ސަމާޙަށް ބުނެދެވިފައި ނުވާކަމަށެވެ.

" މަޖްބޫރީ ޙާލަތުކަމަށް ބުނެ މުޙައްމަދު ސަމާޙުގެ ފަރާތުން ހައިކޯޓުގައި ފާހަގަކޮށް ހުށަހެޅި ކަންކަމަކީ އޭނާ ތަޙްޤީޤުގައި
ބަންދުގައި ހުންނަން ޖެހުމާއި ތަހްގީގު ކުރެވުނުއިރު މުޙައްމަދު ސަމާޙުއާ ސުވާލުކުރެވުމާއި، މިފަދަ ކަންތައްތައް
ކަމުގައިވާއިރު، އެކަމަކީ މުޙައްމަދު ސަމާޙު ނުކުރާކަމެއް ކުރިކަމަށް ބުނެ ކުށަކަށް އިޢުތިރާފުވާންޖެހޭ ފަދަ މަޖުބޫރީ
ޙާލަތެއްކަމުގައި ޤަބޫލުނުކުރެވޭކަމަށް. " ހައިކޯޓްގެ ހުކުމްގައިވެއެވެ.

ވާރިސުންގެ ގެތެރޭގައި ބާލިޣުނުވާ ކުޑަކުއްޖަކު ހުރިކަމުގައި ވިއަސް އޭނާ ބާލިޣުވެ ތަޞައްރަފު ފުދެންދެން ޤާޠިލްގެ ކިބައިން ޤިޞާޞްހިފުން ފަސްކުރަން ނުޖެހޭކަމަށް ޙަނަފީ މަޛުހަބާއި މާލީކީ މަޛުހަބުގެ ފިޤުހުގައި އޮންނަކަމަށްވެސް ހައިކޯޓްގެ ހުކުމްގައިވެއެވެ.

މުޙައްމަދު ސަމާޙު މެރުމަށް ކްރިމިނަލްކޯޓުން އިއްވި ހުކުމް ދަމަހައްޓަން ހައިކޯޓުން ތާއިދުކުރެއްވީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

ދަށުކޯޓުގެ ހުކުމަށް ހައިކޯޓުން ތާއިދުކުރި ނަމަވެސް ހުކުމް ތަންފީޒުކުރެވޭނީ ސުޕްރީމްކޯޓުންވެސް އެ ހުކުމް ދެމެހެއްޓުމުންނެވެ. މި މައްސަލަ އެންމެ މަތީކޯޓްގައި އިސްތިއުނާފުކުރުމަށް ސަމާޙަށް 30 ދުވަސް ލިބޭނެއެވެ. އަދި އެ މުއްދަތުގައި އެނާ އެކަން ނުކޮށްފިނަމަ ދައުލަތުން މި މައްސަލަ ސުޕްރީމްކޯޓަށް ހުށައަޅަންޖެހޭނެއެވެ.

ވިސްނޭ މީހާ

ހަށިގަނޑުގެ ގުނަވަންތަކާއި އެކި ނިޒާމްތަށް ނަގާފައި ބޭނުން ޖެހިފާހުރި ބަލިމީހަކަށް ދިނުން ވަރަށް ރަނގަޅުވޭނެ، ނޫނީ ސައިންސްގެ ދިރާސާކުރަންވިޔަސް ސަޅިވާނެ