ދުނިޔެ

އިންޑިޔާގެ ނައިބު ރައީސަށް ކޯވިޑް-19 ޖެހިއްޖެ


އިންޑިޔާގެ ނައިބު ރައީސް ވެންކަޔާ ނައިޑޫއަށް ކޯވިޑް-19 ޖެހިއްޖެއެވެ. އުމުރުން 71 އަހަރުގެ ނައިޑޫއަށް ކޯވިޑް-19 ޖެހިފައިވާކަން އިޢުލާނުކުރެއްވީ ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަހުގައެވެ. ބަލީގެ އެއްވެސް ޢަލާމާތެއް ހަށިގަނޑުން ފެނިފައި ނުވާކަމަށާއި ހާލުކޮޅު ރަނގަޅުކަމަށް ނައިބު ރައީސްގެ އިދާރާއިންވަނީ ބުނެފައެވެ. މިހާރު ހުންނެވީ ގޭގައި އެކަހެރިވެވަޑައިގެންކަމަށާއި ނައިޑޫގެ އަނބިކަންބަލުން، އޫޝާ ނައިޑޫއަށް ބަލީގެ އަސަރުކޮށްފައިނުވާކަމަށް އެ އިދާރާއިން ބުންޏެވެ.

އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ މުޤައްރިރުކަން ކުރައްވާ ނައިޑޫވަނީ މީގެ ދުވަސްކޮޅެއް ކުރިން ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ. ޤާނޫނު ހަދާ މަޖިލީހުގެ 25އަށްވުރެ ގިނަ މެންބަރުންނަށް ކޯވިޑް-19 ޖެހުމުން ބައްދަލުވުންތައްވަނީ މެދުކަނޑާލައިފައެވެ.

ނައިބު ރައީސް ނައިޑޫއަކީ މިހާތަނަށް ކޯވިޑް-19 ޖެހިފައިވާ އިންޑިޔާގެ އެންމެ އިސް ފަރާތެވެ. އިންޑިއާއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 6.2 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ ލައްކައަކާއި އަރާ ހަމަކޮށްފައެވެ.