ކުޅިވަރު

ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް ޓޮޓެންހަމް ކުއާޓާ ފައިނަލަށް


ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށް އިނގިރޭސި ލީގް ކަޕްގެ ކުއާޓާ ފައިނަލަށް ޓޮޓެންހަމް ދަތުރުކޮށްފިއެވެ.

ޗެލްސީއަށް ޕެނަލްޓީގައި ނާކާމިޔާބުވީ، އެންމެ ފަހުން ޕެނަލްޓީ ފޮނުވާލި މޭސަން މައުންޓް ޖެހި ޕެނަލްޓީއެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ޗެލްސީންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 19 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޓީމޯ ވާނާއެވެ. މިއީ ޗެލްސީއާ ގުޅުނު ފަހުން ރަސްމީ މެޗެއްގައި ވާނާ ޖެހި ފުރަތަމަ ގޯލެވެ.

ރެއާލް މެޑްރިޑަށް 30 މިލިއަން ޔޫރޯއަށް ފަހު ސޮއި ކުރި ސާޖިއޯ ރެގީލޯންއަށް، މޮރީނިއޯ ވަނީ ފުރުސަތު ދީފައެވެ. އެ މެޗަކީ ސްޕާސްގެ ޖޯޒީގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

ބަދަލު ކުޅުންތެރިންގެ ގޮތުގައި ހެރީ ކޭން އާއި ލޫކަސް މޯރާ އަރުވައިގެން ޓޮޓެންހަމުން ލަނޑު ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށެވެ. ރެގީލޯން ދިން ބޯޅައަކުން މި ގޯލު ޖެހީ ލަމޭލާއެވެ.

ޕެނަލްޓީގައި ޓޮޓެންހަމުން ފޮނުވާލި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ ޑަޔާ، ލަމޭލާ، މޯރާ، ޕިއެރޭ އެމީލް ހޮއިބިއޭ އަދި ކޭންއެވެ. ޗެލްސީގެ ޕެނަލްޓީތައް ޖެހީ ޓެމީ އަބްރަހަމް، ޖޯޖީނިއޯ، އަޒްޕްލިއަސެޓާ އަދި އެމަސަން ޕެނަލްޓީ ކާމިޔާބުކޮށްފައިވަނިކޮށް އެ ޓީމު ބަލިވީ ފަސް ވަނަ ޕެނަލްޓީ މޭސަން މައުންޓް އަތުން ބޭކާރުވުމުންނެވެ. މައުންޓް ޖެހި ޕެނަލްޓީ ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ.