ދުނިޔެ

ކޯވިޑް-19 އެއް މިލިއަން މަރު: ހިތްދަތި ޢަދަދެއް


2019ވަނަ އަހަރުގެ ފަހު ކޮޅުން ފެށިގެން ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޢަދަދު އެއް މިލިއަނަށް އަރައިފައެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 33.6 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 1،007،367 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނީ އެ ޢަދަދުތަކަކީ ރަސްމީ ޢަދަދުތައް ކަމުގައި ވީނަމަވެސް ބަލިޖެހިފައިވާ މީހުންނާއި މަރުވެފައިވާ މީހުންގެ އަސްލު ޢަދަދު އެއަށްވުރެ އިތުރުވާނެކަމަށެވެ.

ކޯވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީއިންނެވެ. މުޅިން އައު ވައްތަރެއްގެ ނިއުމޯނިއާއެއް ޖެހި ގިނަ ޢަދަދެއްގެ މީހުން ބަލިވަމުންދާކަން ސައިންސުވެރިންނަށް އޭރު އޮތީ ފާހަގަވެފައެވެ. ދުނިޔޭގެ އެހެން ސަރަޙައްދުތަކަށް ބަލިފެތުރުން ހުއްޓުވުމަށް ސަރަޙައްދީ ރޮނގުތައް ބަންދުކޮށް ކަރަންޓީނު އުސޫލުތައް ތަޢާރަފްކުރި ނަމަވެސް މުޅި ދުނިޔެއަށް ބަލި ފެތުރި މިދިޔަ މާރިޗު މަހުގައި ޑަބްލިއުއެޗުއޯއިންވަނީ ކޯވިޑް-19އަކީ ވަބާއީ ބަލިމަޑުކަމެއްކަމަށް ކަނޑައަޅައިފައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑަބްލިއުއެޗުއޯގެ ކުއްލި ޙާލަތްތަކާއި ބެހޭ އިސްވެރިޔާ، ޑރ. މައިން ރަޔާން ވިދާޅުވީ ބަލި ޖެހިފައިވާ މީހުންގެ ސީދާ ޢަދަދު ނުގުނުނު ނަމަވެސް މިހާރު ދަފްތަރުކޮށްފައިވާ ޢަދަދުތަކަކީ ބަލިޖެހުނު މީހުންނާއި ބަލީގައި މަރުވި މީހުންގެ އަސްލު ޢަދަދަށް ނުވާނެކަމަށާއި އަސްލު ޢަދަދުތައް އެއަށްވުރެ އިތުރުވާނެކަމަށެވެ.

މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުން ކޯވިޑް-19ގެ ސަބަބުން މަރުވެފައިވަނީ އެމެރިކާގައެވެ. އެ ޤައުމުގައި 205،031 މީހުންވަނީ މަރުވެފައެވެ. ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ ބުރެޒިލުގައެވެ. އެއީ 142،058 މީހުންނެވެ. 95،542 މަރާއެކު ތިންވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ އިންޑިޔާގައެވެ. ލިސްޓުގެ ހަތަރުވަނައާއި ފަސްވަނައިގައި އޮތީ މެކްސިކޯއާއި އިނގިރޭސިވިލާތެވެ. މެކްސިކޯގައި 76،430 މީހުން މަރުވެފައިވާއިރު އިނގިރޭސިވިލާތުގައި 42،090 މީހުންވަނީ މަރުވެފައެވެ.

އދ.ގެ ސެކެޓްރީ ޖެނެރަލް، އެންޓޯނިއޯ ގުތޭޚެޝް ވިދާޅުވީ އެއް މިލިއަން މަރަކީ ހިތްދަތި ޢަދަދެއްކަމަށެވެ. ކޮންމެ ފުރާނައެއްގެ މުހިންމުކަން ހަނދާން ނައްތާލައިގެން ނުވާނެކަމަށާއި ބަލީގައި މަރުވެފައިވާ މީހުންގެ ހަނދާން އައުކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ބަލިމަޑުކަމުން ސަލާމަތްވުމަށް އެންމެން އެކުގައި މަސައްކަތްކުރުންކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ ޢަދަދު އިތުރުވާނެކަމަށް ބެލެވެއެވެ. އެމެރިކާ ހިމެނޭގޮތަށް ގިނަ ޤައުމުތަކެއްގައި އަދިވެސް ބަލިމަޑުކަންދަނީ ހަލުވިކޮށް ފެތުރެމުންނެވެ. އެގޮތުން ފާއިތުވި ދެ ހަފުތާގައި އެމެރިކާގެ 50 ސްޓޭޓުގެ ތެރެއިން 27 ސްޓޭޓެއްގައި ބަލިޖެހުނު މީހުންގެ ޢަދަދުވަނީ އެއްދުވަހަށްވުރެ އަނެއް ދުވަހު އިތުރުވެފައެވެ. މިދިޔަ ހަފުތާގައި ޖުމްލަ 316،000 މީހުންނަށް އެ ޤައުމުގައިވަނީ ބަލިޖެހިފައެވެ. އެއީ ފާއިތުވި ހަ ހަފުތާގެ ތެރޭގައި އެއް ހަފުތާގެ ތެރޭގައި އެންމެ ގިނަ މީހުންނަށް ބަލިޖެހުނު ޢަދަދެވެ.

އެމެރިކާގެ ގައިންގަޔަށް އަރާބަލިތަކާ ބެހޭ އެންމެ އިސް މާހިރު، ޑރ. އެންތޮނީ ފައުޗީ ވިދާޅުވީ ބައެއް ސްޓޭޓުތަކުގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށާއި ހަސްފަތާލުގައި އެނދުމަތިކުރަންޖެހޭ މީހުންގެ ޢަދަދުވެސް އިތުރުވެފައިވާކަމަށެވެ. އޭގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި މަރުވާ މީހުންގެ ޢަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގެ ޙާލަތުވެސްދަނީ ގޯސްވަމުންނެވެ. ވައިރަހުގެ އަސަރު އެންމެ ފުރަތަމަ ފޯރީ އެ ޤައުމުގެ ބޮޑެތި ސިޓީތަކަށް ނަމަވެސް ޞިއްޙީ ނިޒާމު ބަލިކަށި އަދި ރަށްފުށު ސަރަޙައްދުތަކަށް މިހާރުވަނީ ބަލި ފެތުރިފައެވެ.

ވިލާތުގެ ޤައުމުތަކުގައި ބަލިމަޑުކަމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުން އެ ޤައުމުތަކުގައިވެސްވަނީ ބަލިފެތުރޭ މިންވަރު އިތުރުވާން ފަށައިފައެވެ. މަސައްކަތުގެ މާހައުލަށް ނިކުތުމަށް ސަރުކާރުތަކުން ކުރިން ޢާންމުންނަށް ގޮވާލަމުން ދިޔަ ނަމަވެސް ބައެއް ސަރުކާރުތަކުން މިހާރުދަނީ އެ އެނގުންތައް ބަދަލުކޮށް، ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް އައު ޤަވާއިދުތަކާއި އުސޫލުތައް ތަޢާރަފުކުރަމުންނެވެ. ނަމަވެސް ބައެއް ސަރަޙައްދުތަކުގައި ދިރިއުޅޭ ޢާންމުންނާއި ސަރަޙައްދީ ސަރުކާރުތަކުން އެފަދަ ބަދަލުތަކަށް ތާޢީދު ނުކުރާ ޙާލަތްތައްވެސްދަނީ ކުރިމަތިވަމުންނެވެ.

އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރެއްކަމަށްވާ ސަންޖަޔާ ސެނަނަޔަކޭ ވިދާޅުވީ ބަލިމަޑުކަން ފެތުރެން ފެށުމުން ޙާލަތު މާ ބޮޑަށް ގޯސްވިޔަ ނުދީ ކާމިޔާބުވި ވިއެޓްނާމާއި ތައިލޭންޑާއި ދެކުނު ކޮރެއާއާއި ނިއު ޒީލެންޑުފަދަ ޤައުމުތަކުގައި ސަރުކާރުތަކުން އެޅި ފިޔަވަޅުތަކަށް ޢާންމުންވަނީ ވަރަށް ފުރިހަމައަށް އެއްބާރުލުން ދީފައިވާކަމަށެވެ. ދެވަނަ ފަހަރަށް ބަލި ފެތުރެމުންދާ ސަރަޙައްދުތަކުގައިވަނީ ސަރުކާރުން ޤާއިމްކުރި އުސޫލުތަކާއި ދެކޮޅަށް އަޑު އުފުލައި މުޒާހަރާކޮށްފައެވެ. އެހެންކަމުން ޢާންމުންގެ ބައިވެރިވުމާއި އެއްބާރުލުމަކީ ބަލިފެތުރުން ހުއްޓުވުމަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އިންޑޮނޭޝިޔާއާއި ފިލިޕީންސާއި މެލޭޝިޔާގެ ޙާލަތުވަނީ ގޯސްވެފައެވެ. ހަމަ އެގޮތަށް މިޔަންމާގެ ޙާލަތުވެސްދަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ.