ވިޔަފާރި

"ރަންދިހަ ފަހެއް" ނޫޓް ސީރީޒް 5 އޮކްޓޫބަރުގައި ތަޢާރަފްކުރަނީ


ދިވެހި  ރުފިޔާގައި އެންމެ ޒަމާނީ ސަލާމަތީ ސިފަތައް ހެމެނުމައްޓަކައި ، ރުފިޔާގެ ނޫޓްތަކުގެ ޑިޒައިނަށް ބަދަލުގެނެސްގެން ނެރޭ " ރަންދިހަ ފަހެއް" ނޫޓް ސީރީޒް ފަހެއް އޮކްޓޫބަރުގައި ތަޢާރަފްކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން މިއަދުވަނީ ހާމަކޮށްފައިއެވެ.ރަންދިހަފަހެއް ނޫޓް ސީރީޒް މިއަންނަ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހު އިފްތިތާހްކުރުމަށް ނިންމާފައިވާއިރު މި ނޫޓް ސީރީޒް އިފްތިތާހްކޮށްދެއްވާ އެރޭ ދަރުބާރުގޭގައި އޮންނަ ޚާއްސަ ހަފްލާ ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމެވެ. ރަންދިހަ ފަހެއް ސީރީޒްއަކީ އެންމެ މިޒަމާނުގެ ސަލާމަތީ ސިފަތައް ހިމަނައިގެން ޕޮލިމަރގައި ޗާޕްކޮށްގެން ނެރޭ ރައްކާތެރި ޒަމާނީ އަދި ގެންގުޅެން ފަސޭހަ ނޫޓްތަކެއްކަމަށް އެމްއެމްއޭއިން މައުލޫމާތުދެއްވައެވެ. އަދި މި ނޫޓް ސީރީޒް ޗާޕް ކޮށްފައިވަނީ ޕޮލިމަރ ގައި ކަމަށްވެސް އެމްއެމްއޭ އިން މައުލޫމާތުދެއެވެ. އަދި ޕޮލިމަރގައި ޗާޕްކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކައުންޓަރ ފީޑް ކުޑަކޮށް ގެންގުޅެން ފަސޭހަ ގަލަމުން ނުލިޔެވޭ އަދި ހަލާކުނުވެ ގިނަ ދުވަހު ގެންގުޅެވޭނެ ނޯޓްތަކަކަށް ހެދުންކަމަށް އެމްއެމްއޭގެ ގަވަރނަރ ޑރ އަޒީމާ އާދަމް ވިދާޅުވިއެވެ. މި ނޫޓް ސީރީޒްގައި ހިމެނޭ ޑިނޯމިނޭޝަންތަކަކީ 10 ރުފިޔާ، 20 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ، 500 ރުފިޔާ، އަދި 1000 ރުފިޔާއެވެ. ރަންދިހަ ފަހެއް ނޫޓް ސީރީޒްގައި ހިމެނޭ ހުރިހާ ނޫޓެއްވެސް ހުންނާނީ މިހާރު ބޭނުންކުރަމުންދާ ނޫޓްތަކުގެ ސައިޒަށްކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.ފަހެއް އޮކްޓޫބަރުގައި މި ނޫޓް ސީރީޒް ތައާރަފްކުރިކަމުގައިވީނަމަވެސް މި ނޫޓްތައް އާންމުކޮށް ބޭނުންކުރުމަށް ނެރޭނީ މިއަހަރުގެ ޑިސެމްބަރު މަސްތެރޭގައިކަމަށް އެމް.އެމްއޭގެ ގަވަރނަރ ޑރ އަޒީމާ އާދަމް ވިދާޅުވިއެވެ. އަދި އާ ނޫޓް ތަކާއިއެކު މިހާރު ގެންގުޅޭ ނޫޓްތައްވެސް ޑިސެމްބަރު މަހުން ފެށިގެން ހަމަސްދުވަސްވަންދެން ބޭނުންކުރެވޭނެކަމަށް ގަވަރނަރ ވިދާޅުވިއެވެ.ހަމަސް ދުވަސް ފަހުން މިހާރު ގެންގުޅޭ ނޫޓްތައް ފައިސާގެ މުއާމަލާތްތަކުގައި ވިޔަފާރިތަކުގައި ބޭނުން ނުކުރެވޭނެކަމަށާއި ދެން މިނޫޓްތައް ބަދަލު ކުރެވޭނީ ބޭންކުތަކުންނާ އެމްއެމްއޭއިންކަމަށް ގަވަރނަރ ވިދާޅުވިއެވެ. މި އާ ނޫޓް ސީރީޒް ތައާރަފްކުރުމަށްފަހު މުޅި ރާއްޖޭގައި މި ނޫޓްތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އެމްއެމްއޭއިންވަނީ ނިންމަވާފައެވެ.ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ނޫޓްތަކަކީ 1983 ވަނަ އަހަރު ބޭނުންކުރަން ފެށި ނޫޓްތަކެކެވެ. މި ނޫޓްތަކުގެ ޑިޒައިނަށް ބަދަލު ނައިނަމަވެސް ފާއިތުވީ އަހަރުތަކުގައިވަނީ ނޫޓްތަކުގެ ސެކިއުރިޓީ ފީޗާޒްތައް ވަރުގަދަކޮށްފައިއެވެ.