ސިއްހަތު

"ނޭޝަނަލް ނިއުޓްރިޝަން ކޮންފަރެންސް" ފަށައިފި


މާބަނޑު ވީއްސުރެއް ދަރިފުޅުގެ އުމުރުން ދެއަހަރު ވަންދެން ކުޑަދަރިފުޅުގެ ސިއްހީ ދުޅަހެޔަކަން ދެމެހެއްޓުމާއި ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ޔުނިސެފް ގުޅިގެން "ނޭޝަނަލް ނިއުޓްރިޝަން ކޮންފަރެންސް" ގެ ނަމުގައި ކޮންފަރެންސެއް ފަށައިފިއެވެ.މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލާފައިވަނީ މާބަނޑު ދުވަސްވަރު ކެއުން ގެންގުޅޭނެ ގޮތާއި ގާތުން ކިރުދިނުމުގެ މުހިންމުކަމުގެ މައްޗަށްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން މައުލޫމާތުދެއެވެ. އަދި މި ކޮންފަރެންސްގައި ކުޑަ ދަރިފުޅަށް އޮށްޓަރުހުރި ކާނާދިނުމުގައި ގެންގުޅޭނެ ގޮތްތަކާއި ކުއްޖާ ހެދި ބޮޑުވުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރާނެ ގޮތާއި ގުޅޭ ގޮތުންވެސް މައުލޫމާތުދިނުމަށް ހަމަޖެހިފައިވާކަމަށް އެޗް.ޕީ.އޭ އިން މައުލޫމާތުދެއެވެ.މި ކޮންފަރެންސް ޝަރަފް ވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވީ ދަރިވަރުންގެ ސިއްޙަތާއި ސަލާމަތާއި ރައްކާތެރިކަމަކީ، ކިޔެވުމާ އެއްވަރަށް ސަރުކާރުން ސަމާލުކަންދޭކަމެއްކަމަށެވެ.އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލަކަށް އަމާޒުކޮށްގެން ހެލްތް ސްކްރީން ޕްރޮގްރާމެއް ކުރިޔަށްގެންދާކަމަށާއި މިއީ މިކަމުގެ އެއްމިސާލުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިހާރު ތަންފީޒުކުރަމުންގެންދާ ގައުމީ މަންހަޖުގެ އެއްޤާބިލިއްޔަތު ކަމުގައި ދުޅަހެޔޮ ދިރިއުޅުމެއް އުޅުން ބަޔާންކޮށްފައި ވާނެކަމަށާއި، މިކަމުގެ ބޭނުމަކީ އެއްވެސް ސަބަބަކާއި ހުރެ އެއްވެސް ކުއްޖަކު ކިޔެވުމުން މަހުރޫމް ނުކުރުންކަމަށެވެ.އެޑިޔުކޭޝަން މިނިސްޓަރ ވަނީ މި ރަސްމިޔާތުގައި " މަންމައާއި ކުޑަދަރިފުޅުގެ ކާނާ" މިނަމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން ތައްޔާރުކޮށްފައިވާ ފޮތެއް ނެރެދެއްވާފައެވެ. ހޮޓެލް ޖެންގައި ދެދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ މި ކޮންފަރެންސްގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަސްދޮޅަހަށް ވުރެ ގިނަމީހުން ބައިވެރިވެފައިވާކަމަށް އެޗް.ޕީ.އޭ އިން މައުލޫމާތުދެއެވެ.