ޚަބަރު

ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން އިސްކަންދޭނެ ކަންކަމާގުޅޭގޮތުން މަޝްވަރާކޮށްފި

ކުރިއަށް އޮތް 2 އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަންހުރި ކަންކަމާގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިއެވެ. ވާރޗުއަލްކޮށް މިއަދު ކުރިއަށްގެންދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކޯވިޑް-19 ގެ ޙާލަތާ ގުޅިގެން ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ އެކި ކަންކަން ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ހުރުމާއެކު، މިހާރުގެ ޙާލަތައް ރިޢާޔަތްކޮށް ކުރިއަށް އޮތް 2 އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަން ހުރި ކަންކަން އަލުން ތަރުތީބުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުން ތައްޔާރުކުރައްވާފައިވާ 'ޕޮލިސީ ޕްރަޔޮރިޓީ ލިސްޓް' އާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އަދި މި މަޝްވަރާތަކުގައި ހުރިހާ ސެކްޓަރުތަކުންވެސް ކުރިއަށްއޮތް 2 އަހަރަށް އިސްކަންދެއްވައިގެން ކުރައްވާނެ ކަންތައްތައް ވަނީ ކަނޑައަޅުއްވާފައެވެ. އަދި ސަރުކާރުގެ އޮފީސްތަކުން މިކަންތައްތަކަށް ޢަމަލުކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭން، އެސް.އޭ.ޕީއަކީ މިސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީގެ މިސްރާބު ހުންނާނެ ގޮތް ކަނޑައެޅުމަށްޓަކާ ތައްޔާރުކޮށްފައިވާ ސަރުކާރުގެ ޕޮލިސީ ފްރޭމްވޯރކް ހިމެނޭ ޕްލޭނިންގ ޑޮކިއުމަންޓެކެވެ. އެސް.އޭ.ޕީގައި މިސަރުކާރުގެ މެނިފެސްޓޯ ވަޢުދުތަކާއި، އެކި އެކި ދާއިރާތަކުން މިހާރުވެސް ކުރަމުންދާ މުހިއްމު މަސައްކަތްތައް ހިމަނާފައިވެއެވެ.

އެސް.އޭ.ޕީގެ ދަޢުރަކީ ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްޤީގައި އިސްކަންދޭ ކަންތައްތައް ތަންފީޒުކުރުމާއި، އޭގެ ނަތީޖާ ޙާޞިލުކުރެވޭ މިންވަރު ދެނެގަނެ، ކުރިއަށްދާ މިންވަރު ބެލުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.
2019އިން 2023އަށް އެކުލަވާލާފައިވާ އެސް.އޭ.ޕީގައި ހިމެނޭ ކޮންމެ ދާއިރާއަކަށް ބޭނުންވާ ސިޔާސަތުތަކާއި، އިސްތިރާޖުތަކާއި، ހަރަކާތްތަކުގެ އިތުރުން ކޮންމެ ދާއިރާއަކުން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ވަރަށް ތަފްޞީލުކޮށް ހިމަނާފައިވެއެވެ. އަދި މި ޕްލޭންގައި ޤައުމީ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް ތަރުތީބުކުރެވި، ދެލިކޮށް، ނަންބަރުޖެހި، މުއްދަތު ޖަހާފައިވެއެވެ.