ޚަބަރު

އެމްއެންޑީއެފްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ޑޯނިއަރ މަތިންދާބޯޓެއް ރާއްޖެ ގެނެސްފި


އެމްއެންޑީއެފްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ގެންނަ ޑޯނިއަރ މަތިންދާބޯޓު ރާއްޖެ ގެނެސްފިއެވެ.

މިމަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުމަށެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމާއި އަދި ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް ބޭނުންކުރުމަށްވަނީ ހަމަޖެހިފައެވެ. ދިވެހި ދިދައާއި ކުލަތައް އަދި އެމްއެންޑީއެފްގެ ނަން ބޭރުގައި ޖަހާފައިވާ މި މަތިންދާބޯޓުގައި ޕައިލެޓުންގެ ގޮތުގައި އެމްއެންޑީއެފްގެ އޮފިސަރުން ޙަރަކާތްތެރިވާނެ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިއަދު ރާއްޖެއަށް ގެނައި ޑޯނިއަރ މަތިންދާބޯޓުގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގައާއި، ކަނޑުމަތީގައި ހިންގާ ޤަވާޢިދާޚިލާފު ކަންތައްތައް ހުއްޓުވުމުގައާއި، ކަނޑުމަތީގައި ދިމާވާ ތަފާތު ނުރައްކާތެރި ހާދިޘާތަކުގައި އެހީވުމާއި އަދި ދިވެހިރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި، އެމްއެންޑީއެފްގެ ޤާބިލްކަން މިހާރަށްވުރެ އިތުރުވެގެންދާނެކަމަށް ދިވެހި ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ.

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި މި ޑޯނިއަރ މަތިންދާބޯޓަކީ 2016 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ދިވެހިރާއްޖެއަށް ހޯދުމަށް މަސައްކަތްކުރަމުންދިޔަ ޑޯނިއަރ މަތިންދާބޯޓެކެވެ.

2009 ވަނަ އަހަރުން ފެށިގެން، އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ޖުމްލަ 54 އޭރިއަލް ސަވައިލަންސް އޮޕަރޭޝަން ހިންގާފައިވެއެވެ.