ކުޅިވަރު

އިންޓަ މިލާން ވަރުގަދަ ކަމެއް ނޭނގޭ: ޕިރްލޯ


މިދިޔަ ސީޒަނަށްވުރެއް މިސީޒަނުގައި ވާދަވެރި އިންޓަ މިލާން ވަރުގަދަކަމެއް ނޭނގޭކަމަށް ޔުވެންޓަސްގެ ކޯޗު އަންދްރޭ ޕިރްލޯ ބުނެފިއެވެ.

އިޓާލިއަން ލީގުގައި އެންމެފަހުން ކުޅުނު މެޗު އެއްވަރުވިޔަސް ޓީމުން ދަނީ ނަތީޖާ ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން ކަމަށް ޔުވެންޓަސްގެ ކޯޗު އަންދްރޭ ޕިރްލޯ ބުންޏެވެ. އެންމެފަހުން ލީގުގައި ރޯމާއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވުމުން މި ސީޒަނުގައި މިކަހަލަ ކިތަންމެ ނަތީޖާއަކާ ކުރިމަތިލާންޖެހޭނެ ކަން ކުރިންވެސް އެނގޭކަމަށް ޕިރްލޯ ބުންޏެވެ. އޭނާ ބުނީ މެޗުގައި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމާއި ދެ ފަހަރަށް ނަތީޖާހަމަހަމަކުރަން ޖެހުމަކީ ޓީމަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ސަބަބުތައްކަމަށެވެ.

ޕިރްލޯ ބުނީ ރޯމާ ކަހަލަ އޮގަނައިޒިން ޓީމުތަކާ ދެކޮޅަށް ކުޅެން އަބަދުވެސް އުނދަގޫކަމަށާއި ބައެއް ހާލަތްތަކުގައި ރޯމާގެ ކުރިޔަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން ނުރައްކާ ކުރިމަތިވި ކަމަށެވެ. ރަނގަޅު ޕްރީ ސީޒަނެއް ނެތި ލީގުގައި މިކަހަލަ މެޗުތަކުން ރަނގަޅުކުރަން ހުރި ގިނަކަންކަން ފާހަގަވާކަމަށް ވެސް ޕިރްލޯ ބުންޏެވެ. އެންމެ ފަހު ވަގުތާ ހަމަޔަށް ޔުވެންޓަސްއިން ކޮންމެ ޓީމާކާ ވެސް ވާދަކުރާނެކަމަށް ކުރިން އިންޓަ މިލާނަށް ވެސް ކުޅެފައިވާ ޕިރްލޯ ބުންޏެވެ.

އިޓާލިއަން ލީގުގައި ދެ މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ޔުވެންޓަސް އޮތީ ތާވަލުގެ ފަސްވަނައިގައެވެ.