ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވި ދިވެހިންގެ އަދަދު 6415އަށް


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު 6400އަށްވުރެ އިތުރުވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރެއްވި ތަފާސްހިސާބަށް ބަލާއިރު އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00އިން ފެށިގެން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އިތުރު 59 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

މީގެ ތެރޭގައި ހިމެނެނީ 47 ދިވެހިންނާއި 12 ބިދޭސީންނެވެ. މީގެ ތެރެއިން 54 މީހަކު ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި 5 މީހަކު ޕޮޒިޓިވްވެފައިވަނީ އަތޮޅުތަކުންނެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10157އަށް އަރާފައެވެ. މިވަގުތު ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 1166 މީހުންނެވެ. ރާއްޖެއިން މިހާތަނަށް 6415 ދިވެއްސަކަށް ވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި މި ބަލި ޖެހުނު ބިދޭސީންހެ އަދަދު ވަނީ 3742އަށް އަރާފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 22 ރަށަކުންނާއި، 23 ރިސޯޓަކުން ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 12 ފަތުރުވެރިއަކާއި، 30 މުވައްޒަފަކަފު ހިމެނޭ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 103 މީހުންނެވެ. މިއާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 8950އަށް އަރާފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 82 މީހަކު ދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި 2 މީހަކަށް ފަރުވާދެމުންދާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 34 މީހަކު ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި 7 ބިދޭސީންނެވެ.