ޚަބަރު

އަރުމޭނިޔާ - އަޒަރުބައިޖާން ހަމަނުޖެހުމުގައި ގިނަ ޢަދަދެއްގެ މީހުން މަރުވެއްޖެ


ޒަމާންވީ ސަރަޙައްދީ މައްސަލައެއްގައި އަރުމޭނިއާއާއި އަޒަރުބައިޖާނާދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިންގައިފިއެވެ.

ދެ ޤައުމުގެ ދެމެދުގައި 2016ވަނަ އަހަރުން ފެށިގެން ހިންގަމުންދާ އެންމެ ވަރުގަދަ ކުރިމަތިލުންތައް ހިންމުންދަނީ އަޒަރުބައިޖާނުގެ ނަގޯރުނޯ-ކަރަބާޚް ސަރަޙައްދުގައެވެ. އެ ސަރަޙައްދު އޮންނަނީ އަޒަރުބައިޖާނުގެ ބައެއްގެ ގޮތުގައި ނަމަވެސް އެ ސަރަޙައްދު އޮންނަނީ އަރުމޭނިއާގެ ބާރުގެ ދަށުގައެވެ. އެ ސަރަހައްދަކީ ދުނިޔޭގެ ބާޒާރުތަކަށް ގޭހާއި ތެޔޮ ފޯރުކޮށްދޭ ހޮޅި އަޅާފައިވާ ސަރަހައްދެކެވެ. ހަމަނުޖެހުންކުގެ ސަބަބުން އެ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ބުރޫއަރާނެ ކަމުގެ ބިރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ނަގޯރުނޯ-ކަރަބާޚްގައި ހިންގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް 23އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އަސްކަރީ ހަނގުރާމަވެރިންގެ އިތުރުން ޢާންމުންގެ މީހުންވެސް ހިމެނެއެވެ.

ނަގޯރުނޯ-ކަރަބާޚްއިން ބުނީ އަޒަރުބައިޖާނުން އެ ސަރަޙައްދަށް ޙަމަލާދިނުމުގެ ސަބަބުން އެމީހުންގެ 16 ސިފައިން މަރުވެ، 100އަށްވުރެ ގިނަ މީހުން ޒަޚާމްވެފައިވާކަމަށެވެ. ނަގޯރުނޯ-ކަރަބާޚްއާއި އަރުމޭނިއާއިން މިހާރުވަނީ މާޝަލް ލޯ ހިންގައި ޤައުމުގެ ހިންގުން އަސްކަރިއްޔާއަށް ޙަވާލުކޮށްފައެވެ.

އަޒަރުބައިޖާނުންވެސްވަނީ އެ ސަރަހައްދުގައި މާޝަލް ޤާނޫނު ހިންގާފައެވެ. އިސްވެ ޙާމަލާދިނީ އަރުމޭނިއާއިންކަމަށާއި އެ ޙާމަލާގައި އެއް ޢާއިލާއަކަށް ނިސްބަތްވާ ފަސް މީހުން މަރުވެފައިވާކަމަށް އަޒަރުބައިޖާނުން ބުނެއެވެ. އޭގެ ރައްދެއްގެ ގޮތުގައި ދިން ޙާމަލާތަކުގައި އަޒަރުބައިޖާނުގެ ބާރުގެ ދަށަށް ނަގޯރުނޯ-ކަރަބާޚްގެ ހަތް އަވަށެއް ގެނެސްފައިވާކަމަށް އެ ޤައުމުން ބުންޏެވެ. ކުރިން އެ ޚަބަރު ނަގޯރުނޯ-ކަރަބާޚް ދޮގުކުރިނަމަވެސް ބައެއް އަސްކަރީ މަޤާމުތައް ގެއްލިފައިވާކަމަށް ނަގޯރުނޯ-ކަރަބާޚްއިން ފަހުންވަނީ އެއްބަސްވެފައެވެ.

1990ގެ އަހަރުތަކުގައި އަޒަރުބައިޖާނާއި އަރުމޭނިއާއިންވަނީ ނަގޯރުނޯ-ކަރަބާޚްގެ މައްސަލައިގައި ހަނގުރާމަކޮށްފައެވެ. ހަނގުރާމައިގެ ތެރޭގައި 1991ވަނަ އަހަރުގައި ނަގޯރުނޯ-ކަރަބާޚްގައިވަނީ އަމިއްލަ ވެރިކަމެއް ޤާއިމްކޮށްފައެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެ ޤައުމުން 1994ވަނަ އަހަރުގައި އެއްބަސްވި ނަމަވެސް ނަގޯރުނޯ-ކަރަބާޚްއާއި ސަރަޙައްދީ ރޮނގު ކައިރީގައި ދެ ފަރާތުންވެސް ޙަމަލާދޭކަމުގެ ތުހުމަތު ދެ ޤައުމުންވެސް ދޭތެރެދޭތެރެއިން ކުރެއެވެ.