ޚަބަރު

ސައްޙަ ނޫން މަޢުލޫމާތު ފެތުރުން ހުއްޓުވޭނީ މުއައްސަސާތަކުން މަޢުލޫމާތު ފޯރުކޮށްދީގެން - ޕީޖީ ޝަމީމް


ސައްޙަ ނޫން މަޢުލޫމާތު ފެތުރުން ހުއްޓުވޭނީ މުއައްސަސާތަކުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފަސޭހައިން ފޯރުކޮށްދީގެން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ވިދާޅުވީ އިދާރާތަކުގެ ސިޔާސަތުތައް ބައްޓަން ކުރަންވާނީ އެތަނަކުން ލިބޭ މައުލޫމާތޫގެ މައްޗަށްކަމަށާއި އެތަނަކުން ލިބެން ހުރި މަޢުލޫމާތުތަކުގެ އަލީގައި ރަނގަޅުކުރަން ހުރި ކަންކަން އިސްލާހުކުރުން އެއީ ކުރަންޖެހޭކަމެއްކަމަށެވެ.

ޝަމީމް ވިދާޅުވީ ރައްޔިތުންވެސް ދިރިއުޅުމުގެ ކަންކަން ބިނާ ކުރަނީ ލިބޭ މައުލޫމާތުގެ މައްޗަށްކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެ ޙައްގު ފުރިހަމަކޮށް ލިބުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި އިދާރާތަކުން މަޢުލޫމާތު ހާމަކޮށް އެ މަޢުލޫމާތުގެ މައްޗަށް ނިންމާ ނިންމުންތަކަކީ އާންމުންނަށް ފާޑު ކިޔޭ ނިންމުންތަކަކަށް ވުމަށް އުއްމީދުކުރައްވާ ކަމެއް ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. މައުލޫމާތު ރަނގަޅަށް ހާމަކުރުމުން މިހާރަށް ވުރެ އަވަހަށް ހަރުދަނާކޮށް މަސައްކަތް ކުރެވޭނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މަޤާމާ ހަވާލުވެވަޑައިގެން އެ އޮފީހުގެ މަސައްކަތްތަކާއި އެ އޮފީހާ ގުޅުން ހުރި މައުލޫމާތުތައް ހޯއްދަވައި އެ މައުލޫމާތުތަކުގެ އަލީގައި ކަންކަން ބައްޓަންކުރައްވަން ފެއްޓެވި ކަމަށާއި އެގޮތުން ކުރިން ކޯޓުތަކުގައި ހުރީ ކިހާ މައްސަލަތަކެއްކަން ނޭގޭކަމަށާއި މިހާރު އެ މައުލޫމާތު އެއްކޮށް އޭގެ އަލީގައި ޕީޖީގެ މަސައްކަތްތަކަށް ގެންނަންވީ ބަދަލުތައް ދެނެގަންނަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި މި މަޢުލޫމާތުތައް އާންމުންނަށް ފެންނާނެހެން ހާމަކުރައްވާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

" އޭގެ ބޭނުމަކަށް ވާނީ އަޅުގަނޑުމެން އެއްކުރާ މައުލޫމާތުގެ އަލީގައި އެކުލަވާ ސިޔާސަތު އެއީ ރަނގަޅު ގޮތްތޯ ބަހުސްކުރަން ފުރުސަތު ދިނުން. އެ ބަހުސްއަށް ބަލާ އަޅުގަނޑުމެންގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުން." ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީގައި މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤަކީ އަސާސީ ޙައްޤެއްކަމަށް ކަނޑައަޅައި އެ ޙައްޤު ރައްޔިތުންނަށް ފޯރުކޮށްދޭން 2008 ވަނަ އަހަރު ފަށާފައިވާ ކަމަށެވެ. ނަމަވެސް މައުލޫމާތު ހޯދާ ލިބިގަތުމުގެ ދާއިރާގައި ދީމުގްރާތީ ޤައުމުތަކަށް ވުރެ ފަހަތުގައި އޮތުމަށް ފަހު ރާއްޖެ އެ ދާއިރާއިން ކުރިއަރަން ފެށީ 2018 ވަނަ އަހަރުން ފެށިގެން ކަމަށް ޝަމީމް ވިދާޅުވިއެވެ.