ކުޅިވަރު

ކޫމަންގެ ފުރަތަމަ މެޗުން ބާސެލޯނާއަށް މޮޅެއް


ބާސެލޯނާގެ އައު ކޯޗު ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ސްޕެނިޝް ލީގުގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗުން އެޓީމު މޮޅުވެއްޖެއެވެ.

ވިޔަރެއާލްއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ބާސެލޯނާއިން ޖެހި ހަތަރު ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. ބާސެލޯނާގެ ފުރަތަމަ ދެ ލަނޑު ޖަހާފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަންސޫ ފާޓީއެވެ. އުމުރުން 17 އަހަރުގެ ފާޓީގެ ލަނޑުތައް 15 ވަނަ މިނެޓްގައާއި 19 ވަނަ މިނެޓްގައި ފެނިގެން ގޮސްފައިވާއިރު، ބާސެލޯނާގެ ތިންވަނަ ލަނޑު ޖަހާފައިވަނީ ކެޕްޓަން ލިއޮނަލް މެސީއެވެ. 35 ވަނަ މިނަޓްގައި މެސީ މިލަނޑު ޖަހާފައިވަނީ ފާޓީ ހޯދައިދިން ޕެނަލްޓީ އަކުންނެވެ. ބާސެލޯނާގެ ހަަތަރު ވަނަ ލަނޑަކީ ވިޔަރެއާލްގެ ޕައު ޓޮރޭޒް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ދެވަނަ ހާފުގައި ވިޔަރެއާލްއިންވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އަދި ގިނަ ހަމަލާތަކެއްވެސް އުފެއްދިއެވެ. ނަމަވެސް ބާސެލޯނާގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ.

ދެވަނަ ހާފުގައި ބާސެލޯނާގެ ކޯޗު ކޫމަށް އިތުރު ކުޅުންތެރިން ހިމަނައިގެން ޓީމުވަނީ ޓެސްޓްކޮށްފައެވެ. އެގޮތުން ކޫމަންގެ ފަރާތުން ހަތަރު ބަދަލެއް ރޭގެ މެޗުގައިވަނީ ފެނިގެން ގޮސްފައެވެ.

މި މެޗުގައި ބާސެލޯނާއިން ލޯނު އެއްބަސްވުމަކަށް ގޮސް ބަޔާން މިއުނިކުގައި މޮޅު ކުޅުމެއް ދެއްކި ބްރެޒިލްގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ވަނީ ފުރަތަމަ އެގާރައިގައި ކުޅެފައެވެ. ދެ ވަނަ ހާފްގައި ކުޓީނިއޯގެ ބަދަލުގައި ފްރާންސްގެ ވިންގް އޮސްމާނޭ ޑެމްބެލޭ ވަނީ ކުޅެން އަރައިފައެވެ.