ކުޅިވަރު

ރޮނާލްޑޯގެ ދެ ލަނޑުން ޔުވެންޓަސް ރޯމާ އަތުން ބަލިނުވެ ސަލާމަތްވެއްޖެ


ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ޔުވެންޓަސް ރޯމާ އަތުން ބަލިނުވެ ސަލާމަތްވެއްޖެއެވެ.

އިޓާލިއަން ލީގުގައި ރޭ ރޯމާއާއި ޔުވެންޓަސް ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރޯމާއިންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި މި ލަނޑު ރޯމާއަށް ކާމިޔާބުކޮށްދިނީ، ޖޯޑަން ވެރެޓޯޓްއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން އެންމެ މިނެޓަށް ވެފައި ވަނިކޮށް ރޯމާގެ ކުޅުންތެރިއެއް އަތުގައި ބޯޅަ ޖެހުމުން ޔުވެންޓަސްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޔުވެންޓަސްއަށް ނަތީޖާ ހަމަހަމަކޮށްދިން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ރޮނާލްޑޯ މެޗުގެ ނަތީޖާ ޔުވެންޓަސްއަށް ހަމަހަމަކޮށްދިން ނަމަވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ރޯމާއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އެޓީމުންވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ރޯމާގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން، ޖޯޑަން ވެރެޓޯޓްއެވެ.
މި މެޗުގައި ޔުވެންޓަސްއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 69 ވަނަ މިނަޓްގައެވެ. މި ލަނޑުވެސް ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މިނަތީޖާއާއެކު އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ތާވަލްގެ ހަތަރު ވަނާގައެވެ. ސީޒަންގެ ފުރަތަމަ މެޗުން ޔުވެންޓަސް މޮޅުވެފައިވަނީ ސަމްޕްޑޯރިއާއާ ބައްދަލުކޮށް 3-0 ގެ ނަތީޖާއަކުންނެވެ.