ޚަބަރު

ސްޕެއިނުގެ މެޑްރިޑުގައި އިތުރު ފިޔަވަޅުތައް އަޅަންޖެހޭ: މަރުކަޒީ ސަރުކާރު


ސްޕެއިނުގެ މެޑްރިޑުގައި ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް އެ ޤައުމުގެ ސަރުކާރުން މެޑްރިޑުގެ އިދާރާތަކަށް ގޮވާލައިފިއެވެ.

ސްޕެއިނުގައި މިހާތަނަށް 735،198 މީހުންނަށް ކޯވިޑް-19 ޖެހި 31،232 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި އެންމެ ހަލުވިކޮށް ބަލިފެތުރެނީ ވެރިކަންކުރާ ސިޓީކަމުގައިވާ މެޑުރިޑުގައެވެ. ސްޕެއިނުގައި ބަލިޖެހިފައިވާ މީހުންގެ ތިންބައި ކުޅައެއްބައި ޙިއްޞާކުރަނީ މެޑުރިޑުންނެވެ. ފާއިތުވި ހަފުތާތަކުގައި އެ ސަރަޙައްދުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން ހަސްފަތާލުތަކަށްވަނީ ބާރުބޮޑުވެފައެވެ. މެޑުރިޑުގެ ޙާލަތު ގޯސްވަމުން ދިޔަނަމަވެސް ސަރަޙައްދީ ސަރުކާރުންވަނީ އެ ސިޓީ ފުރަބަންދުނުކުރުމަށް ނިންމާފައެވެ. އޭގެ ބަދަލުގައި ކަމާބެހޭ އިދާރާތަކުންވަނީ މަސައްކަތަށާއި މަދަރުސާއަށް ދިޔުމަށް ނޫންގޮތަށް ސެޕްޓެމްބަރު މަހުގެ 28ވަނަ ދުވަހުން ފެށިގެން 45 ޑިސްޓްރިކްޓެއްގައި ދިރިއުޅޭ މީހުންނަށް އެމީހުން ދިރިއުޅޭ ޒޯން ނޫން އެހެން ޒޯނުތަކަށް ނުދެވޭނެކަމަށް އަންގައިފައެވެ. ކޮންމެ ޒޯނެއްގައިވެސް އެއްވެ އުޅެވޭނީ ގިނަވެގެން ހަ މީހުންނަށެވެ. އަދި ރޭގަނޑު 10ގެ ފަހުން ހުރިހާ ވިޔަފާރިތައް ބަންދުކުރަންޖެހޭނެއެވެ.

ސެޕްޓެމްބަރު މަހުގެ 26ވަނަ ދުވަހު ސްޕެއިނުގެ ޞިއްޙަތާބެހޭ ވަޒީރު، ސަލްވަޑޯ އިއްލަ ވިދާޅުވީ މެޑްރިޑުގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަންޖެހޭކަމަށާއި ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތް އިތުރުކުރަންޖެހޭކަމަށެވެ. މެޑްރިޑުގައި ދިރިއުޅޭ މީހުންނަށާއި އަދި ވަށައިގެންވާ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށްވެސް ބަލީގެ ނުރައްކާ ވަރަށް ބޮޑުވެފައިވާކަމަށާއި ޢާންމުންގެ ޞިއްޙަތާއި ރައްކާތެރިކަމަށް އިސްކަންދިނުމަށް ސަރަޙައްދީ އިދާރާތަކަށް އޭނާ ގޮވާލެއްވިއެވެ. އަދި މެޑުރިޑުގައި ލުއި ފުރަބަންދެއް ޤާއިމްކުރުމަށް އޭނާ ގޮވާލެއްވިއެވެ.

ސްޕެއިނުގެ ސަރުކާރުގެ އެކުލަވާލުން އޮންނަ ގޮތުން ޞިއްޙީ ކަންކަމާގުޅޭ އެންމެހާ ނިންމުންތައް ނިންމާނީ ސަރަޙައްދީ ސަރުކާރުތަކުންނެވެ. އެފަދަ ކަންކަމާމެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ ބާރު މަރުކަޒީ ސަރުކާރަށް ލިބިގެނެއް ނުވެއެވެ.