ދީން

ޤައުމީ ޤުރުއާން މުބާރާތް އޮންލައިންކޮށް ކުރިއަށް ގެންދިއުމާބެހޭގޮތުން މަޝްވަރާކުރައްވައިފި

މިއަހަަރުގެ ޤައުމީ ޤުރުއާން މުބާރާތް އޮންލައިންކޮށް ކުރިއަށް ގެންދިއުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިފިއެވެ.

އެމަނިކުފާނު މި މަޝްވަރާކުރައްވާފައިވަނީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން އާލާކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރައްވައި ކުރިއަށްގެންދެވި މަޝްވަރާތަކުގައެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހަވީރު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ވަނީ، ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ޢިލްމު ފެތުރުމަށް ޢިލްމުވެރިން ކުރަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަ ގޮތެއްގައި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި ދީނީ ކަންކަމާއިމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ޢިލްމުވެރިން ކުރި ބުރަ މަސައްކަތްތައް ނާއިބް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނާއިބް ރައީސް ވަނީ، މުޖުތަމަޢަށް ކުރިމަތިވެފައިވާ އަޚްލާޤީ އަދި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމާއި އަދި މުޖްތަމަޢުގެ ފަރުދުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދީނީ ޢިލްމުވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ޤުރުއާނާއި އިސްލާމް މާއްދާގެ ކިލާސްތަކެއް އޮންލައިންކޮށް ހިންގުމާއި ގުޅޭ ގޮތުންނާއި، ޤައުމީ ޤުރުއާން މުބާރާތް މި އަހަރު އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާ، ޚިޔާލު ބަދަލުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަޙްމަދު ޒާހިރު ވަނީ ދީނީ ކަންކަމަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމާއި، އެ މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވި ޢިލްމުވެރިން ވަނީ، ދީނީ ކަންކަން ކުރިއެރުވުމަށް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅުތައް ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ޝިޢާރު ފާޅުކޮށް މަތިވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުކުރުމަށް ތައްޔާރަށް ތިބިކަން ޢިލްމުވެރިން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ނާއިބް ރައީސް ވަނީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނާއިމެދު ލޯބި އިތުރުކުރުމުގެ ގޮތުން ކުރެވޭ ކަންތައްތައް ލާމަރުކަޒީކޮށް ކުރިއަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، މިފަދަ ކަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމާއި، އެކަކު އަނެކަކަށް އިޙްތިރާމުކުރުން ފަދަ ސިފަތައް މުޖުތަމަޢުގެ އަފްރާދުންގެ ތެރޭގައި އަށަގެންވުމަށް ޢިލްމުވެރިން ވެސް ބާރުއަޅުއްވައި މަސައްކަތްކޮށްދެއްވުމަށް ނާއިބް ރައީސް ވަނީ ޢިލްމުވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.