ޚަބަރު

ޔަމަނުގެ ސަރުކާރާއި ހޫޘީންނާދެމެދު ޤައިދީން ބަދަލުކުރުމަށް އެއްބަސްވެއްޖެ


ޔަމަނުގެ ސަރުކާރާއި ހޫޘީންނާދެމެދު ޤައިދީން ބަދަލުކުރުމަށް އެއްބަސްވެއްޖެއެވެ.

އދން ބުނީ ޔަމަނުގައި ސުލްޙަ ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދެ ފަރާތަގެ މެދުގައި އިތުބާރު އިތުރުކުރުމަށް ޤައިދީން ބަދަލުކުރުމަށް އެއްބެސްވެފައިވާކަމަށެވެ. އެގޮތުން ދެ ފަރާތުގެ ބެލުމުގެ ދަށުގައިވާ ހައްޔަރީންނާއި ޤައިދީންގެ ތެރެއިން 1،081 މީހުން އެ އެއްބަސްވުމުގެ ދަށުން ދޫކޮށްލައިގެންނެވެ.

ފާއިތުވި ފަސް އަހަރު ޙަމަލާބަދަލުކުރަމުންދާ ޔަމަނުގެ ސަރުކާރާއި ހޫޘީންނާދެމެދު 15،000 ހައްޔަރީން ބަދަލުކުރުމަށް 2018ވަނަ އަހަރުގެ ފަހުކޮޅުގައިވަނީ އެއްބަސްވެފައެވެ. ނަމަވެސް އެ އެއްބަސްވުމަށް ފުރިހަމައަށް ޢަމަލުކޮށްފައެއް ނުވެއެވެ. އަދި އެއްބަސްވުން ތަންފީޒުކުރުންވަނީ ދިގުލައިގެން ގޮސްފައެވެ. މިއީ 2018ވަނަ އަހަރުގެ އެއްބަސްވުމަށްފަހު އެންމެ ގިނަ ޢަދަދެއްގެ ޤައިދީން ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރާ ފަހަރެވެ.

އިންޓަނޭޝަނަލަން ކޮމިޓީ އޮފް ރެޑް ކްރޮސް (އައިސީއާރުސީ)އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އދ.ގެ މަންދޫބު މާޓިން ގްރިފިތްސް ވިދާޅުވީ ސްވިޒަލޭންޑުގެ ގްލިއޯނުގައި ދެ ފަރާތުގެ ޤައިދީން ބަދަލުކުރުމާބެހޭ ކޮމިޓީތަކުން ބޭއްވި މަޝްވަރާތަކަށްފަހު ޤައިދީންބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ. ދިހަ ދުވަހަށް ދެމިގެންދިޔަ މަޝްވަރާތައް ނިމުނީ ދެ ފަރާތުންވެސް ހިތްހަމަޖެހިގެންކަމަށް ގްރިފިތްސް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ވީ އެންމެ އަވަހަކަށް ޤައިދީން ބަދަލުކޮށް ކުރިއަށް އޮތްތަނުގައި އިތުރު ޤައިދީން ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ދެ ފަރާތަށްވެސް ބާރު އަޅުއްވައިކަމަށެވެ.

ބައެއް މަސްދަރުތަކުން ބުނީ ހޫޘީންގެ ފަރާތުން 400 މީހުން ދޫކޮށްލާނެކަމަށާއި އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ 15 ރައްޔިތުންނާއި ސޫދާނުގެ ހަތަރު ރައްޔިތުން ހިމެނޭކަމަށެވެ. ހޫޘީންގެ 681 ހަނގުރާމަވެރިން ސަރުކާރުގެ އިއްތިޙާދުގެ ފަރާތުން ދޫކޮށްލާނެކަމަށް އެ ފަރާތްތަކުން ބުންޏެވެ.