ޚަބަރު

ކުށް ކުރާ މީހުންނާއި، ކުށް ކުރުވާ މީހުންނަށްވެސް ސަލާމަތެއް ނުވެވޭނެ - ޕީޖީ


ކުށް ކުރާ މީހުންނާއި އެއްވަރަށް އެކުށް ކުރުވާ މީހުންވެސް ޒިންމާވާންޖެހޭ ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމު މިހެން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު އަޙްމަދު ޒިޔާދުގެ މައްޗަށް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ މައްސަލައަށް އިޝާރާތްކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. ޝަމީމު ވިދާޅުވީ ކުށް ކުރާ މީހުންނާއި، ކުށް ކުރުވާ މީހުންނާއި މިދެބައިވެސް ހަމައަކަށް އަޅުވާންޖެހޭކަމަށެވެ. އަދި މި ފަދަ މައްސަލަތަކުގައި މި ދެބައިވެސް އެއްވަރަކަށް ޒިންމާވާންޖެހޭކަމަށާއި ޒަމާނުއްސުރެ ގެންގުޅޭ ބައެއް ވިސްނުން ދޫކޮށްލަން މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.

ދައުލަތުން ގިނަ އަދަދެއްގެ ފައިސާތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި، ވަކިބަޔަކަށް ނާޖައިޒް ފައިދާ ހޯދުމަކީ ޤާނޫނީ ގޮތުން ބޮޑު ކުށަކަށްވާއިރު، އެފަދަ ކުށްތައް ކުރުމުގައި ޝާމިލުވާ އެންމެހާ ފަރާތްތައް ދެނެގަނެ، އެކަމެއްގައި ހުރިހާ ފަރާތެއްގެ ޒިންމާވެސް އެއްވަރު ވާންޖެހޭކަމަށް ޕީޖީ ވިދާޅުވިއެވެ. މިއީ ދައުލަތާއި، މުޅި ރައްޔިތުންގެ މަސްލަހަތު ހިމެނޭ މައްސަލަތަކަށްވާއިރު މިކަންކަން ކުރާ ފަރާތްތަކަށް ހައްގު އަދަބު ދެވޭނެ އިންތިޒާމު އެންމެން ގުޅިގެން ގާއިމްކުރެވޭކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓަރަކްޝަނާއި ހަވާލުކުރުމުގައި ކޮރަޕްޝަނަށްް މަގުފަހިވާ ގޮތަށް މަސައްކަތްކުރެއްވި ކަމުގެ ތުހުމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު އަޙްމަދު ޒިޔާދުގެ މައްޗަށް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އުފުލާ އެ މައްސަލަވަނީ ކޯޓަށް ހުށައަޅާފައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ޒިކުރާ މިސްކިތުގެ 10 ބުރީގެ އިމާރާތެއް އެޅުމަށް ކޮށްފައިވާ މުޢާމަލާތުގެ އެކި މަރްޙަލާތަކުގައި ޑަބްލިއު އެންޑް އޭ އޯވަރސީސް ޕީޓީއީ ކިޔާ ކުންފުޏެއްކާވެސް މުޢާމަލާތު ކޮށްފައިވާކަމަށެވެ. އަދި މިކަމުގެ ތެރޭގައި ޖިނާއީ ތަޙްޤީޤެއް ހިންގަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެކުންފުނީގެ ބައެއް އިސްވެރިންގެ މައްސަލަ ތަހުޤީގުކުރުމަށް ފުލުހުންނަށް ހުށައެޅުމަށް އޭސީސީއަށް އަންގާފައިވާކަމަށްވެސް ޕިޖީ އޮފީހުން ވިދާޅުވެއެވެ.