ކުޅިވަރު

ހަތް ލަނޑު ފެނުނު މެޗުން އިންޓަ މިލާން މޮޅުވެ މޮޅަކާއެކު ލީގު ފަށައިފި


އިޓާލިއަން ލީގުގައި އިންޓަ މިލާން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މެޗު ފިއޮރެންޓީނާ ކާމިޔާބުކުރަން ދަނިކޮށް އިންޓަ މިލާން މޮޅުވީ ފަހު ތިން މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ދެ ލަނޑާއެކު 4-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފިއޮރެންޓީނާގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ ކޯއަމޭ، ކޯސްޓްރުވިލީ އަދި ޗިއޭސާއެވެ. އިންޓަ މިލާނަށް ލަނޑުތައް ޖަހައިދިނީ މާޓިނޭޒް، ސިޗިއެރީނީ، ލުކާކޫ އަދި އެމްބްރޯސިޔޯއެވެ.

މެޗުގައި އިންޓަ މިލާނާ އަލަށް ގުޅުނު އަޝްރަފް ހަކީމީ، އެލެކްސެންޑަރ ކުލަރޯވް އަދި އާތޫރް ވިދާލް ވަނީ ކުޅެފައެވެ. މިއީ 2010 ވަނަ އަހަރު ފަހުން މިފަދަ ނަތީޖާއަކުން އިންޓަމިލާން ލީގުގައި މޮޅުވި ފުރަތަމަ ފަހަރުއެވެ. ލީގުގައި އެންމެ ފަހުން އިންޓަ މިލާން 4-3 ގެ ނަތީޖާއަކުން މެޗެއް ކާމިޔާބުކުރީ 2010 ވަނަ އަހަރު ސިއެނާއާ ވާދަކޮށެވެ.

އިޓާލިއަން ލީގުގައި އެޓްލާންޓާ ވެސް ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. އެޓްލާންޓާއިން ޓޮރީނޯގެ މައްޗަށް ކުރި ހޯދީ 4-2 ލަނޑުންނެވެ. ލާޒިޔޯ ވަނީ ރަށުން ބޭރުގައި ކަލިއޭރިޔާ ވާދަކޮށް 2-0 ލަނޑުން މޮޅުވެފައެވެ. މެޗުގައި ހުސްވިސީޒަންގައި ޔޫރަޕުގެ ރަންބޫޓް ހާސިލްކުރި ޗިރޯ އިމޮބިލޭ ވަނީ ލަނޑުޖަހާފައެވެ.