ދުނިޔެ

އޮސްޓްރޭލިއާގެ ވިކްޓޯރިއާގައި އަޅާފައިވާ ބައެއް ފިޔަވަޅުތައް އުވާލަނީ


އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުގައި ކޯވިޑް-19 ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުން އަވަސްކުރުމަށް ނިންމާފައިވާކަމަށް އެ ސްޓޭޓުގެ ޕްރެމިއާ ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިއާގައި މިހާތަނަށް 27،040 މީހުންނަށް ކޯވިޑް-19 ޖެހި 872 މީހުންވަނީ މަރުވެފައެވެ. އޮސްޓްރޭލިއާގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ވިކްޓޯރިއާއަކީ އެ ޤައުމުގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ސަރަޙައްދެވެ. މިދިޔަ އޮގަސްޓު މަހުގެ ކުރީކޮޅުގައި އެ ސަރަޙައްދުގައި ބަލިފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން އެ ސްޓޭޓުގެ ވެރިކަންކުރާ މެލްބަން ސިޓީގައިވަނީ ހަރުކަށި ފުރަބަންދެއް ޤާއިމްކޮށްފައެވެ. ފުރަބަންދުކުރި ދުވަސްވަރު ދުވާލެއްގެ މައްޗަށް 700އަށްވުރެ ގިނަ މީހުންނަށް ދިޔައީ ބަލިޖެހެމުންނެވެ. ނަމަވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވިކްޓޯރިއާއިން ބަލިޖެހިފައިވަނީ އެންމެ 16 މީހުންނަށެވެ.

މީގެ ކުރިން ނޮވެމްބަރު މަހުގެ ނިޔަލަށް ފިޔަވަޅުތައް ދަމަހައްޓާނެކަމަށް ވިކްޓޯރިއާ ސްޓޭޓުންވަނީ ބުނެފައެވެ. ނަމަވެސް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިކްޓޯރިއާ ސްޓޭޓުގެ ޕްރެމިއާ، ޑެނިއަލް އެންޑްރޫސް ވިދާޅުވީ އެ ސަރަހައްދުގައި އަޅައިފައިވާ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް މިހާރުން މިހާރަށް އުވާލުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އެގޮތުން ރޭގަނޑުގެ ވަގުތުތަކުގައި ޤާއިމްކޮށްފައިވާ ކާފިއު އުވާލުމަށްވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ސެޕްޓެމްބަރު މަހުގެ 28ވަނަ ދުވަހުން ފެށިގެން 127،000 މަސައްކަތްތެރިންނަށް އަލުން ވަޒީފާއަށް ދިޔުމަށް ޙުއްދަ ލިބޭނެކަމަށެވެ. އެއީ މިދިޔަ މަހުގެ ތެރޭގައި ޙުއްދަ ދޭނެކަމަށް އިޢުލާނުކޮށްފައިވާ މަސައްކަތްތެރިންގެ ޢަދަދަށްވުރެ 30،000 މަސައްކަތްތެރިން އިތުރު ޢަދަދެކެވެ.

އިތުރު ފިޔަވަޅުތައްވެސް ޙާލަތު ރަނގަޅުވެ ވަކި އަމާޒަކަށް ވާޞިލްވުމުން އުވާލައްވާނެކަމަށް ޕްރެމިއާ އެންޑްރޫސް ވިދާޅުވިއެވެ. ތައްޔާރުކޮށްފައިވާ ތާވަލަށްވުރެ އަވަހަށް އެ ސްޓޭޓުގެ ޙާލަތު ރަނގަޅުވަމުންދާ ނަމަވެސް އޭގެ މާނައަކީ ބަލީގެ ނުރައްކާ ފިލައިގެން ދިޔުން ނޫންކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ވިކްޓޯރިއާގައި ހަލުވިކަމާއެކު ބަލިފެތުރެން ފެށުމުން ފާއިތުވި 30 އަހަރު ހީނަރުވެފައިނުވާ މިންވަރަށް އޮސްޓްރޭލިއާގެ އިޤްތިޞާދުވަނީ ދަށަށް ގޮސްފައެވެ. އަދި ވަޒީފާ އަދާ ނުކުރާ މީހުންގެ ނިސްބަތްވަނީ 10 އިންސައްތައަށް އިތުރުވެފައެވެ.