ދުނިޔެ

ހުރިހާ ޤައުމަކަށް ވެކްސިން ފޯރުކޮށްދިނުމަށް އިންޑިޔާއިން އެހީތެރިވާނެ: މޯދީ


ކޯވިޑް-19އާ ދެކޮޅަށް ވެކްސިނެއް ތައްޔާރުކޮށް ބާޒާރަށް ނެރުމުގައި އިންޑިޔާއަށް ލިބިފައިވާ ޤާބިލިއްޔަތުކަމުގެ ބޭނުން މުޅި ދުނިޔެއަށް ހިފޭނެކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވިދާޅުވެއްޖެއެވެ. އިންޑިޔާ އޮތީ ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ ޤައުމުގެ ގޮތުގައެވެ.

އދ.ގެ ޢާންމު ޖަލްސާގައި ތަޤުރީރުކުރައްވަމުން މޯދީ ވިދާޅުވީ އެންމެ ގިނަ ޢަދަދެއްގެ ވެކްސިން ބާޒާރަށް ނެރުމުގެ ޤަބިލިއްޔަތުކަން ލިބިފައިވާ ޤައުމުގެ ގޮތުގައި އޮތީ އިންޑިޔާކަމަށާއި، މުޅި އިންސާނިއްޔަތަށް އޭގެ ބޭނުން ހިފޭނެކަމަށެވެ. ކޯވިޑް-19އާ ދެކޮޅަށް އިންޑިޔާއިން ތައްޔާރުކުރުމަށް މަސައްކަތްކުރަމުންދާ ވެކްސިންގެ ތިންވަނަ މަރުހަލާގެ ތަހުލީލުތައް ކުރިއަށްދާކަމަށާއި ވެކްސިން އުފައްދައި ގުދަންކުރުމަށް އިންޑިޔާގައި ހުރި ވަސީލަތްތަކުގެ ބޭނުން ހުރިހާ ޤައުމަކަށްވެސް ހިފޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށްވެސް މޯދީ ވިދާޅުވިއެވެ.

ސައިންސުވެރިންގެ ފެހި ސިގުނަލް ލިބުނުހާ އަވަހަކަށް ބާޒާރަށް ނެރުމަށް ވެކްސިން އުފެއްދުމުގެ މަސައްކަތްކުރުމަށް އިންޑިޔާއިން ތައްޔާރުވެފައިވާކަމަށް މޯދީވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވިދާޅުވެފައެވެ.

އދ.ގެ ސެކެޓްރީ ޖެނެރަލް، އެންޓޯނިއޯ ގުތޭޚެޝްވަނީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ ހުރިހާ އެންމެންނަށް ލިބޭނެ 'އެންމެންގެ ވެކްސިނެއް'ގެ މުހިންމުކަމާއި މެދު ތަކުރާރުކޮށް ވާހަކަ ދައްކަވާފައެވެ. ބައެއް ޤައުމުތަކުން އަމިއްލަ ޤައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު އެކަނި ވިސްނަމުންދާކަމަށް ވިދާޅުވެ އޭނާވަނީ ކަންބޮޑުވުން ފައުޅުކުރައްވާފައެވެ. ވެކްސިން ހޯދުމުގައި ހަމައެކަނި އަމިއްލަ އާބާދީއަށް ވިސްނާ އެއްބަސްވުންތައް ހެދުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށާއި އެއީ އަމިއްލަ ނަފްސަށް ދެވޭ ގެއްލުމެއްކަމަށް އޭނާ ވިދާޅުވިއެވެ. އެންމެންނަށް ސަލާމަތްތެރިކަން ލިބިގެން ނޫނީ އެކަކަށްވެސް ސަލާމަތްތެރިކަމެއް ނެތްކަމަށް ޢާންމު ޖަލްސާގައި ވާހަކަދައްކަވަމުން ގުތޭޙެޝް ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންވެސްވަނީ ބައްޔާއި ދެކޮޅަށް މަސައްކަތްކުރާ ވެކްސިނެއް ހޯދާ ޤައުމަކުން އެ ވެކްސިނެއް އެހެން ޤައުމުތަކާ ޙިއްޞާކުރަންވާނެކަމަށް ވިދާޅުވެފައެވެ. އަމިއްލަ އަދި ވަގުތީ ފައިދާއަށް ވިސްނާ އެގޮތަށް ކަންތައް ނުކުރުމަށް ނިންމައިފިނަމަ އެއީ އިސްސާނީ ޖީލުތައް ހަނދާނުން ފުހެލުމަށް ދަތިވާނެކަމެއްކަމަށާއި އެފަދަ ބަޔަކާމެދު ޤައުމުތަކުން ދެކޭގޮތް ގޯސްވާނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. އަދި އޮސްޓްރޭލިއާއަށް ވެކްސިނެއް ހޯދިއްޖެނަމަ އެހެން ޤައުމުތަކާ އެ ވެކްސިން ޙިއްޞާކުރާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.