ކުޅިވަރު

ރަތްކާޑު ދެއްކި، ޕެނަލްޓީއެއް ދިން، މިވަރުން ފުދިއްޖެ: ޕެލެގްރިނީ


ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ޓީމަށް ރަތްކާޑު ދައްކާ އިދުކޮޅު ޓީމަށް ޕެނަލްޓީއެއްދީ މިވަރުން ފުދޭކަމަށް ރެއާލް ބެޓިސްގެ ކޯޗު މެނުއަލް ޕެލެގްރިނީ ބުނެފިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޕެލެގްރިނީ ބުނީ ހުރިހާ ކަމެއް ވެސް ވީއޭއާރްއިން ނިންމަނީ ރެއާލް މެޑްރިޑާ އެއްކޮޅަށްކަމަށެވެ. އެގޮތަށް ރެފްރީ ނިންމުންތައް ނިންމާނަމަ ރެއާލް ކަހަލަ ޓީމު އަތުން ހޯދޭނެ މޮޅެއް ނެތްކަމަށް ބަލިވުމުން ހިތްހަމަނުޖެހިފައި ހުރި ކޯޗު ބުންޏެވެ. މެޗުގެ އޮއިވަރުގެ ބަދަލުވެގެން ދިޔައީ ރެފްރީގެ ނިންމުންތަކުގެ ސަބަބުން ކަމަށާއި ރެފްރީގެ ނާއިންސާފް ނިންމުންތަކުން ޓީމަށް އަސަރު ކުރިކަމަށް ކުރިން މަލާގާއަށް ވެސް ކޯޗުކޮށްދިން ޕެލެގްރިނީ ބުންޏެވެ.

މެޗުގައި އެމަސަން އަތުން ބައިކޮޅަށް ގޯލެއް ވަތްއިރު، ބެންޒެމާ ހުރީ އޮފްސައިޑުގައި ކަމަށާއި އެކަމަކު ވެސް އެގޯލް ނިމުނީ ޓީމާ އިދިކޮޅަށް ކަމަށް ރެއާލް ބެޓިސްގެ ކޯޗު ބުންޏެވެ. އޭނާ ބުނީ ކުޅުންތެރިން ދަނޑުމަތީގައި ހަމަޔަށް ތިބި އިރު އޭނާގެ ޓީމުން މޮޅަށް ކުޅުނު ކަމަށެވެ.

ރޭގައި މެޗުން ބަލިވި ނަމަވެސް ލީގުގައި ފުރަތަމަ ދެ މެޗުން ހޯދި މޮޅާއެކު ރެއާލް ބެޓިސް އޮތީ ތާވަލުގެ ދެވަނައިގައެވެ.