ޚަބަރު

ލެޑް ގާޑްންގައި ހުރި 9 ގަހެއް ވައްޓާލާ އެތަނަށް ގެއްލުންދީފި


މިނިވަން 50 އާ ގުޅިގެން ސަލްޓަންޕާކުގައި ހެދި ލެޑްގާޑްން އަށް ބަޔަކު ރޭ ގެއްލުން ދީފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި، އެތަނުގައި ހުރި 9 ގަހެއް ވަނީ ވައްޓާލާފައެވެ. އަދި، ލެޑުން ހަދާފައިވާ ގޭޓެއްވެސް ވައްޓާލާފައިވެއެވެ.ހޯމް މިނިސްޓަރ ގެ ނައިބު އަހްމަދު ސަލީމް ވިދާޅުވީ، މިކަން ހިންގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި މިކަން އިތުރަށް ތަހްގީގު ކުރުމަށް ފުލުހުންނާ ހަވާލުކޮށްފައިވާކަމަށެވެ. އެސަރަހައްދު ބަލަހައްޓަން ބިދޭސީ މަސައްކަތު މީހުން ބައިތިއްބާފައި ތިބޭ ކަމަށާއި، އެހެންނަމަވެސް، އެމީހުންނަކަށްވެސް އެބަޔަކީ ކޮން ބައެއްކަމާއި، އެމީހުން އައި ގަޑިއެއް ބުނެދޭން ނޭންގޭއިރު، އެހިސާބުގައި ހުރި ސީސީޓީވީ ކެމެރާ އަނެއްފަރާތައް އަނބުރުވާލާފައި ހުރިކަމަށް ސަލީމް ފާހަގަ ކުރެއްވިއެވެ. ފުލުހުން މިހާރު ގެންދަނީ މިކަން އިތުރަށް ތަހްގީގު ކުރަމުންނެވެ.