ޚަބަރު

ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކޮށް މުދާ ބާލައިފި


އިންޑިއާގެ ކޮޗިންއިން މުދާ ހިފައިގެން ހދ.ކުޅުދުއްފުއްޓަށް އައި ފުރަތަމަ ކާގޯ ފެރީ މިއަދު ކުޅުދުއްފުއްޓަށް ބަނދަރުކޮށްފިއެވެ.

މިހާރުވަނީ ފުރަތަމަ ދަތުރުގައި ކުޅުއްދުއްފުއްޓަށް ގެނައި 2 ކޮންޓެއިނެރުގެ މުދާ އެރަށަށް ބާލާފައެވެ.

އިންޑިއާގެ ކޮޗިންގެ ފެރީ ރާއްޖެއަށް ދަތުރުފެށީ މިމަހުގެ 21ވަނަ ދުވަހުއެވެ. 4 ދުވަހުގެ ދަތުރަށްފަހު މިހާރު އެ ބޯޓު ވަނީ ކުޅުދުއްފުއްޓަށް ބަނދަރުކޮށްފައެވެ. ކޮޗިން އާއި ކުޅުދުއްފުއްޓާއި ދެމެދު ކުރާ ދަތުރުތަކަށް ކާގޯ ފެރީގެ ގޮތުގައި ބޭނުން ކުރަނީ އިންޑިއާގެ ޝިޕިންގ ކޯޕަރޭޝަންގެ ބޯޓެވެ.

ކޮޗިންއިން އައި ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ގައެވެ. އިންޑިއާގެ ކޮޗިންއިން އައި، ފުރަތަމަ ފެރީއަކީ އެއްފަހަރާ 3000ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ. ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތި އާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރު ގެނެސްފައި ވެއެވެ.

އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށުމަށް ފޮރިން މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ، މި ޙާސިލްވެގެންދިޔައީ ކުޅުދުއްފުއްޓާއި އެ ސަރަޙައްދުގެ ރައްޔިތުން ދެކެމުންއައި ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. ދިގުމުއްދަތަކަށް މެދުކެނޑިފައި އޮތް މި ޚިދުމަތާއިއެކު ރަށާއި ސަރަޙައްދުގެ ވިޔަފާރިންނަށް ހެޔޮއަގުގައި މުދާލިބި، އޭގެ މަންފާ ހުރިހާ ރައްޔިތުންނަށް ލިބޭނެކަމުގައި ލަތީފު ވިދާޅުވިއެވެ. ލަތީފް ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައިވެސް މި ފެށި މަސައްކަތުން ފެންނަނީ ސަރުކާރުން ވަޢުދުވެފައިވާ މަސައްކަތްތައް ފުރިހަމަކުރަމުންދާ ކަންކަމަށެވެ.

"މިއީ ތާރީޚީ ބޮޑު ދުވަހެއް. މިކަމުން ވިޔަފާރިވެރިންނާއި އަފި ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބި ބޮޑެތި މަންފާ ކުރާނެ. އަދި ބޭނުންވާ މުދާ ބޭނުންވަ ދުވަހަށް ޝެޑިއުލްކޮށްގެން ގެނެވުމަކީވެސް ލިބޭ ބޮޑު އުފަލެއް." އަބްދުއްލަތީފް ވިދާޅުވިއެވެ.

ކުޅުދުއްފުށީ ވިޔަފާރިބަނދަރަށް ޝެޑިއުލްކޮށް މުދާ ގެނެވޭނެ ޚިދުމަތެއް އޮތުމަކީ ރަށުގެ ވިޔަފާރިވެރިންވެސް ވަރަށް ބޮޑަށް އުންމީދުކުރަމުން އައި ކަމެކެވެ. ވިޔަފާރިވެރިންގެ އެންމެ ބޮޑު އެދުމަކީ މި ޚިދުމަތް މެދުނުކެނޑު ދާއިމީގޮތެއްގައި ލިބޭނެގޮތަކަށް ކަންކަން އިންތިޒާމްކުރުމެވެ.

މުދާ ހިފައިގެން ކުޅުދުއްފުއްޓަށް އައި ބޯޓަކީ ބޮޑު ބޯޓަކަށްވުމުން މުދާ ބާލާފައި ވަނީ، މުދާ އުފުލާ ދޯނިތައް ބޭނުންކޮށްގެންނެވެ.