ކުޅިވަރު

ކަންބޮޑުވަނީ މުބާރާތް ޕްރޮމޯޓްކުރެވިފައި ނެތުމުން - ސާންތި




ޕްރެޒިޑެނެޓްކަޕް ފުޓްބޯޅަ މުބާރާތް މާދަމާ
ކުޅުދުއްފުއްޓާއި އައްޑޫސިޓީގައި ފަށާއިރު ކަންބޮޑުވެ، ދެރަވަނީ އައްޑޫ ސިޓީގައި
މުބާރާތް ޕްރޮމޯޓްކުރެވިފައި ނެތުމުންކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބުދުލްޣަނީ
( ސާންތީ ) ބުނެފިއެވެ. މުބާރާތުގެ ގްރޫޕް ދޭއްގެ މެޗުތައް ކުޅޭ އައްޑޫ
ސްޓޭޑިއަމްގައި އޮތް އީގަލްސްގެ ފަރިތަކުރުންތަކަށްފަހު އިހުސާން ބުނީ އައްޑޫ
ސިޓީގެ މީހުންނަށް މުބާރާތް އައްޑޫ ސިޓީގައި އޮންނަކަން އެހާބޮޑަށް އިނގޭހެން
ހީނުވާކަމަށެވެ.



" އެއްގޮތަކަށްވެސް ނޭންގޭ މީހުން އެބަތިބި.
އަޅުގަނޑުމެން ފެނުނީމަ ބައެއް މީހުން އެބަ އަހާ ސާންތި މިކޮޅުގައި ކީއްހޭ
ތިކުރަނީ. ޕްރޮމޯޓްކުރެވިފައި ނެތުމަކީ ދެރަވާކަމެއް. " ޕަބްލިކް ސަރވިސް
މީޑިއާއި ވާހަކަދައްކަމުން އިހުސާން ބުންޏެވެ.



އައްޑޫ ސިޓީގައި މުބާރާތް އެކަށީގެންވާ ވަރަށް
ޕްރޮމޯޓްވެފައި ނެތަސް، މުބާރާތަށް އީގަލްސް ފުރިހަމައަށް ތައްޔާރުކަމަށާއި،
ކަންތައްތަކާއި މެދު ހިތްހަމަޖެހޭކަމަށް އިހުސާން ބުންޏެވެ. އަދި
ޕްރެކްޓިސްތައްވެސް ރަނގަޅަށް ކުރިއަށްދާކަމަށް އޭނާ ބުންޏެވެ.



އައްޑޫ ސިޓީގައި ޓީމްތައް ޕްރެކްޓިސް ކުރުމަށް
އެފްއޭއެމްއިން ކަނޑައަޅާފައިވަނީ މުބާރާތް ކުޅޭ ސްޓޭޑިއަމްއާއި ހިތަދޫ ޓާފް
ސްޓޭޑިއަމްއެވެ. ނަމަވެސް ބައެއް ޓީމްތަކުން އެހެން ދަނޑުތަކުގައިވެސް ދަނީ
ޕްރެކްޓިސްކުރަމުންނެވެ. އެގޮތުން ކްލަބް ވެލެންސިޔާ މިއަދު ޕްރެކްޓިސް ކުރީ
މަރަދޫފޭދޫ ދަނޑުގައެވެ. ވިކްޓްރީ ދިޔައީ ހުޅުމީދޫއަށެވެ. ވިކްޓްރީ އަދި މުބާރާތް
ކުޅޭ ސްޓޭޑިއަމްގައި ޕްރެކްޓިސްއެއް ނުކުރެއެވެ.



މުބާރާތުގައި މާދަމާ ކުޅޭ ފުރަތަމަ ދެ މެޗުގެ
ތެރެއިން ކުޅުދުއްފުށީގައި ކުޅޭ މެޗުގައި ވާދަކުރާނީ ނިއުރޭޑިއަންޓާއި ބީޖީ
ސްޕޯރޓްސްއެވެ. މިއީ މުބާރާތް ހުޅުވާ މެޗެވެ. އައްޑޫ ސިޓީގައި ކުޅޭ ފުރަތަމަ
މެޗުގައި މާދަމާ ވާދަކުރާނީ މާޒިޔާއާއި ކްލަބް ވެލެންސިޔާއެވެ.



މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ ހުރިހާކަމެއްވެސް
ވަރަށް ރަނގަޅުކަމަށާއި، އައްޑޫ ސިޓީގައިވެސް ޕްރެކްޓިސްތައް ދިޔައީ ވަރަށް
ރަނގަޅަށް ކަމަށެވެ. އަދި މެޗަށް އޭނާގެ ޓީމް ފުރިހަމައަށް ތައްޔާރުކަމަށް ސުޒޭން
ބުންޏެވެ.



ވެލެންސިޔާގެ ކޯޗު މުޙައްމަދު އިޤްބާލްވެސް ބުނީ
ޕްރެކްޓިސްތައް ދިޔައީ ރަނގަޅަށް ކަމަށާއި މެޗަށް ތައްޔާރުކަމަށެވެ. ޓީމްގައި
މައްސަލައެއްވެސް ނެތުމުން ޗެލެންޖްކޮށްލެވޭނެކަމަށް އޭނާ ބުންޏެވެ.