ދުނިޔެ

ފަރަންސޭސިވިލާތުގައި ކޯވިޑް ޖެހުނު މީހުންގެ ޢަދަދު ބައި މިލިއަނަށްވުރެ މައްޗަށް


ފަރަންސޭސިވިލާތުގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު ބައި މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ފަރަންސޭސިވިލާތުގައި މިހާތަނަށް 513،034 މީހުންނަށް ކޯވިޑް-19 ޖެހި 31،661 މީހުންވަނީ މަރުވެފައެވެ.

ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެ ޤައުމުގައި 150،000 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ މިދިޔަ ބަހާރު މޫސުމުގައި އެ ޤައުމު ފުރަބަންދުކޮށްފައި އޮތް އިރު ބަލިޖެހިފައިވާ 132،000 މީހުންނަށްވުރެ ގިނަ ޢަދަދެކެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 15،797 މީހުންނަށް ބަލިޖެހި، 150 މީހުންވަނީ މަރުވެފައެވެ. އެއާއެކު އެ ޤައުމު ފާހަގަވެފައިވަނީ ފަސް ލައްކައަށްއަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާ 11ވަނަ ޤައުމުގެ ގޮތުގައެވެ.

ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި ބަލީގެ ސަބަބުން ފަރަންސޭސިވިލާތުގައި ޙާލުދެރަވާ މީހުންގެ ޢަދަދު ދަނީ އެއްދުވަހަށްވުރެ އަނެއް ދުވަހު އިތުރުވަމުންނެވެ. ހަސްފަތާލުގައި އެނދުމަތިކޮށް ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސްވަނީ އިތުރުވެފައެވެ. އެގޮތުން މިވަގުތު 6،128 މީހުންނަށްދަނީ ހަސްފަތާލުގައި ފަރުވާދެމުންނެވެ.

ކުއްލި ޙާލަތުގައި ފަރުވާ ދޭން ޖެހޭ މީހުންގެ ޢަދަދުވެސްވަނީ 1،098އަށް އިތުރުވެފައެވެ. ނަމަވެސް އެ ޢަދަދުތަކަކީ ފަރަންސޭސިވިލާތުގައި ބަލި އެންމެ ހަލުވިކޮށް ފެތުރުނު އޭޕްރިލް މަހާ އަޅާ ބަލާއިރު ދަށް ޢަދަދުތަކެކެވެ. އެ ދުވަސްވަރު 32،000އަށްވުރެ ގިނަ މީހުންނަށްވަނީ ހަސްފަތާލުގައި ފަރުވާދީފައެވެ. އަދި 7،100 މީހުންނަށްވަނީ ޙާލުދެރަވުމުގެ ސަބަބުން އައިސީޔޫގައި ފަރުވާ ދީފައެވެ.

ފަރަންސޭސިވިލާތުގެ ޙާލަތު ގޯސްވަމުންދިޔަ ނަމަވެސް ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ދެކޮޅަށް އެ ޤައުމުގެ މާސެއިލްގެ ބައެއް ރައްޔިތުންވަނީ މުޒާހަރާކޮށްފައެވެ. މިހާރު އެންމެ ހަލުވިކޮށް ބަލި ބަލިފެތުރެމުންދާ މާސެއިލްގެ ރެސްޓޯރަންޓުތަކާއި ކެފޭތައް ބަންދުކުރުމަށް ސަރުކާރުން ނިންމި ނިންމުން ބަދަލުކުރުމަށް އެމީހުންވަނީ ގޮވާލައިފައެވެ