ދުނިޔެ

ޔުކްރެއިނުގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި 22 މީހުން މަރުވެއްޖެ


ޔުކްރެއިނުގެ އަސްކަރީ މަތިންދާ ބޯޓެއްގައި ރޯވެ ވެއްޓުމުގެ ސަބަބުން 22 މީހުން މަރުވެއްޖެއެވެ. ޔުކްރެއިނުގެ ވައިގެ އަސްކަރިއްޔާގެ ކެޑޭޓުން ތަމްރީނުތަކެއް ހަމަދަމުންދިޔަ އެންޓޮނޮވް އެން-26 މަރުކާގެ މަތިންދާ ބޯޓު ވެއްޓިފައިވަނީ އެ ޤައުމުގެ އިރުއުތުރު ސަރަޙައްދެއްގައި އޮންނަ ހައިވޭއެއް ކައިރިއަށެވެ.

އެ ހާދިޘާ ހިންގީ ޗުހުއިވް ކިޔާ އަވަށެއްގެ ކައިރީގައިއެވެ. އެއީ އަސްކަރީ ވައިގެބަނދަރާ ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަޙައްދެކެވެ. ޔުކްރެއިނުގެ ހަތިޔާރު އެޅި ފައުޖުތަކުގެ އިސްވެރިޔާ، ރުސްލާން ޚޮމްޝަކް ވިދާޅުވީ އެ ހާދިޘާ މެދުވެރިވީ ތަމްރީނުގެ ތެރެއިން 27 މީހުންނާއެކު ދަތުރުކުރަމުންދިޔަ މަތިންދާ ބޯޓު ޖެއްސުމަށް މަސައްކަތްކުރަމުން ދަނިކޮށްކަމަށެވެ. މިހާތަނަށް 22 މީހުން އެ ހާދިޘާގައި މަރުވެފައިވާއިރު އިތުރު ދެ މީހުންވަށްވަނީ ބޮޑެތި ޒަހަމްތައް ލިބިފައެވެ.

ޔުކްރެއިނުގެ ދާޚިލީ ވުޒާރާގެ ނައިބު މީސްމީޑިޔާގައި ޙިއްޞާކުރެއްވި ވީޑިއޯއަކުން ރޯވެ އަނދަމުންދިޔަ މަތިންދާ ބޯޓު ވެއްޓިފައިއޮތްތަން ފެނެއެވެ. އޭގެ ފަހުން ނަގާފައިވާ ވީޑިއޯ މަންޒަރުތަކުން އެ ސަރަޙައްދުގައި މީހުން ސަލާމާތްކުރާ ވަފުދުތަކުން ޙާރަކާތްތެރިވާތަން ފެނެއެވެ.

ޚާކިވް ސަރަޙައްދުގެ ގަވަރުނަރު، އޮލެކްސީ ކުޗާ ވިދާޅުވީ މަތިންދާބޯޓުގެ ވައަތު އިންޖީނަށް މައްސަލައެއް ދިމާވެ މަސައްކަތް ނުކުރާކަމަށް މަތިންދާ ބޯޓުގައިހުރި ޕައިލެޓަކު އަންގާފައިވާކަމަށެވެ. ނަމަވެސް އެފަދަ ޙާލަތަކީ ތަޖުރިބާހުރި ޕައިލެޓަކަށް ނުރައްކާ ޙާލަތަކަށް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. ކުޗާ ވިދާޅުވީ ބޯޓު ވެއްޓުމުގެ ކުރިން އޭގައި ދަތުރުކުރަމުންދިޔަ ބައެއް މީހުން ބޯޓުން ފުއްމާލައިފައިވާކަމަށެވެ.

ކަމާބެހޭ ފަރާތްތަކުންދަނީ ހާދިޘާ މެދުވެރިވި ސަބަބު ތަހުޤީޤުކުރަމުންނެވެ. ޔުކްރެއިނުގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީގެ ރަސްމީ އިދާރާއިން ބުނީ ތަހުޤީޤަށް ޚާއްޞާ ކޮމިޝަނެއް އުފައްދައި އެ ހިތާމަވެރި ހާދިޘާ ފުރިހަމައަށް ތަހުޤީޤުކުރާނެކަމަށެވެ. ތަމްރީނުތައް ހަދަމުންދިޔަ ކެޑޭޓުންނަކީ ޚާކިވް ޔުނިވަސިޓީ އޮފް އެއާ ފޯސްގެ ދަރިވަރުންނެވެ. އެ މަރުކަޒު ހިންގަނީ ޔުކްރެއިނުގެ ދިފާޢީ ވުޒާރާއިންނެވެ.