ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 8700އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން ޤައުމަށް ފޮނުވާލައިފި


ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 8700އަށްވުރެ ގިނަ ބަންގްލަދޭޝްގެ މީހުން އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވިއަން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގައި ބުރާސްފަތި ދުވަހުވެސްވަނީ ބަންގްލަދޭޝްގެ 200 މީހަކު އެ ޤައުމަށް ފޮނުވާލާފައެވެ. މިއާއެކު ރާއްޖެއިން ބަންގަލްދޭޝަށް ފޮނުވާލި އެޤައުމުގެ ރައްޔިތުންގެ އަދަދު ވަނީ 8709އަށް އަރާފައެވެ.

ރާއްޖޭގައި ޤާވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ގާތްގަނޑަކަށް އެއްލައްކަ ތިރީސް ހާހަށްވުރެ ގިނަ ބިދޭސީން މަސައްކަތްކުރަމުން އަންނައިރު މީގެތެރެއިން ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންނަކީ ލިޔެކިޔުމެއް ނެތި ގަވާއިދާ ޚިލާފަށް އުޅޭ މީހުންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު މީގެތެރެއިން 20،000 މީހުން އަނބުރާ ޤައުމަށް ފޮނުވާލުމެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ލިޔެކިޔުން ނެތި ތިބި މީހުންގެތެރެއިން ޤައުމަށް ދާން ބޭނުންވާ މީހުންނަށް ފަސޭހައިން ފުރޭނެގޮތް ހަމަޖެއްސުމަށް އިމިގްރޭޝަނުންވަނީ ލުއިތަކެއް ދީފައެވެ. އެގޮތުން ޓޫރިސްޓް ވީޒާ ބިޒްނަސް ވީޒާ އަދި ކަނޑު ބޯޓުތަކުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވީޒާގެ މުއްދަތު 19 މާރޗް 2020ގެ ފަހުގެ ތާރީޚަކަށް ހަމަވެފައިވާނަމަ، ވީޒާގެ މުއްދަތު އިތުރުނުކޮށް، ފުރާ ބަނދަރަކަށް ދިއުމުން ފުރޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސާފައެވެ.

މިގޮތަށް ފުރުވާލާ މީހުންނަށް ފުރޭނީ އެކަމަށް ޚާއްސަކޮށްފައިވާ އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ ފޯމް ފުރިހަމަކޮށް އިމިގްރޭޝަންގެ ޑިޕާޗަރ ކައުންޓަރަށް ހުށަހެޅުމާއެކު ފުރުމުގެ ކުރިން އޮންލައިންކޮށް "ޓްރެވަލަރސް ހެލްތް ޑިކްލަރޭޝަން" ފުރިހަމަ ކުރުމުންކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އަމިއްލައަށް ބޭނުންވެގެން ޤައުމަށް ދިޔުމަށް އެދި ހުށަހަޅާފައިވާ ބިދޭސީންގެ އަތުގައި ސައްޙަ އެމްޕްލޯއިމަންޓް އެޕްރޫވަލް އޮތްތޯ ބެލުމުގެ މަސައްކަތްވެސް އިކޮނޮމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންނެވެ.