ދުނިޔެ

ރަޝިޔާގައި ކޯވިޑް ފެތުރުން އަނެއްކާވެސް އިތުރުވެ ރައީސް ޕުޓިންގެ ކަންބޮޑުވުން


ރަޝިޔާގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުންދާތީ އިތުރަށް ސަމާލުވުމަށް އެ ޤައުމުގެ ރައީސް ވްލަޑްމީރު ޕުޓިން ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރަޝިޔާގައި މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި ވިހިހާހާއި ގާތްކުރާ ޢަދަދަކަށްވަނީ މީހުން މަރުވެފައެވެ. އެ ޤައުމު އޮތީ ހަތަރުވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ ޤައުމުގެ ގޮތުގައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 6،595 ( ހަ ހާސް ފައްސަތޭކަ ނުވަދިހަ ފަސް ) މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ މިދިޔަ ޖުލައި މަހުން ފެށިގެން އެއް ދުވަސްތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް އެ ޤައުމުގައި ބަލި ޖެހުނު ދުވަހެވެ. އޭގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ ވެރިރަށް މޮސްކޯގައެވެ.

ފުރަބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ ޖޫން މަހުގެ ތެރޭގައި ރަޝިޔާގައި ޤާއިމްކޮށްފައިވާ ފުރަބަންދުގެ އުސޫލުތައްވަނީ އުވާލައިފައެވެ. އެއާއެކު ވިޔަފާރިތަކާއި ފިހާރަތަކާއި ދަތުރުފަތުރުގެ ނިޒާމުތައްދަނީ ކުރިއެކޭ އެއްގޮތަށް ހިންގަމުންނެވެ. ނަމަވެސް އިދާރާތަކަށް ހާޒިރުވެ މަސައްކަތްކުރާ މީހުންގެ ޢަދަދު އަދިވެސް ވަރަށް ދަށެވެ. ފިހާރަތަކާއި އާންމު ދަތުރުފަތުރުކުރުމުގެ ނިޒާމު ބޭނުންކުރުމުގައި އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތައް ދަމަހައްޓާ މާސްކު އަޅަންޖެހޭ ޤަވާއިދުތައް ތަންފީޒުކޮށްފައި ވީނަމަވެސް ބައެއް ފަރާތްތަކުން އެންމެ އެދެވޭ ގޮތުގައި ޤަވާއިދުތަކަށް ޢަމަލެއް ނުކުރެއެވެ.

ސަރަޙައްދީ ގަވަރުނަރުންގެ މެދުގައި އިންޓަނެޓު މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ޕުޓިން ވިދާޅުވީ ކަނޑައަޅާފައިވާ ޤަވާއިދުތަކަށް ޢަމަލުކުރުމަށް ސަރަޙައްދީ ސަރުކާރުތަކުން ޢާންމުންނަށް ހިތްވަރުދޭންޖެހޭކަމަށެވެ. މާސްކު އަޅައިގެން އުޅުމަކީ ފަސޭހަކަމެއް ކަމުގައި ނުވި ނަމަވެސް މާސްކު ނޭޅުމުގެ ސަބަބުން ބަލިވުމަކީ އެއަށްވުރެ ދަތިތަކާއި ކުރިމަތިލާން ޖެހިދާނެކަމެއް ކަމަށް ޕުޓިން ވިދާޅުވިއެވެ. މިދިޔަ ބަހާރު މޫސުމުގައި ރަޝިޔާގައި ޤާއިމްކުރި ހަރުކަށި އުޞޫލުތަކަށް ރުޖޫޢަކުރުމަށް އެއްވެސް ވަރަކަށް ބޭނުންވެވަޑައިނުގަންނަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޮސްކޯގެ ރަސްމީ ފަރާތްތަކުން ބުނަމުން ދިޔައީ ދެވަނަ ފަހަރަށް ފުރަބަންދުކުރަން ނުޖެހޭނެކަމަށާއި ބަލީގެ ދެވަނަ ރާޅެއް ފެތުރުން ނާދިރުކަމަށެވެ. ނަމަވެސް ފާއިތުވި ހަފުތާގައި ކޯވިޑް-19ގެ ސަބަބުން ޙާލު ދެރަވެ ދުވާލެއްގެ މައްޗަށް ހަސްފަތާލުގައި އެނދުމަތިކުރަންޖެހޭ މީހުންގެ ޢަދަދުވަނީ 30 އިންސައްތައަށް އިތުރުވެފައެވެ.