ދުނިޔެ

އަމިއްލަ ސަލާމަތަށް ވަކިވަކިން މަސައްކަތްކުރާނަމަ ޙާލަތު ވަރަށް ގޯސްވާނެކަމުގެ އިންޒާރު


ކޯވިޑް-19 ފެތުރޭތީ ދުނިޔޭގެ ޤައުމުތަކުން ބައިބައިވެ އަމިއްލަ ސަލާމަތަށް ވަކިވަކިން މަސައްކަތްކުރަމުންދާ ގޮތަށް މޫސުމީ ބަދަލާއި މެދު ޢަމަލުކޮށްފިނަމަ ޙާލަތު ވަރަށް ގޯސްވާނެކަމުގެ އިންޒާރު އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުތޭޚެޝް ދެއްވައިފިއެވެ.

ދުނިޔޭހެ އެކި ކަންކޮޅުތަކުން މިހާތަނަށް 30 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައެވެ. ބަލީގައި މަރުވި މީހުންގެ ޢަދަދު އެއް މިލިއަނާއި ގާތްކުރެއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގުތޭޙެޝް ވިދާޅުވީ ކޯވިޑް-19 ފެތުރުން ހުއްޓުވުމުގައި ދުނިޔެއިން މިހާތަނަށް ނާކާމިޔާބުވެފައިވާ ކަމަށެވެ. ދުނިޔޭގެ ޙާލަތު އެހާ ގޯސްވީ މިފަދަ ޙާލަތަކަށް ދުނިޔެއިން ތައްޔާރުވެފައި ނެތުމުގެ ސަބަބުންނާއި އެކުގައި މަސައްކަތްކޮށް އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިވުމުގެ ރޫހު ނުގެންގުޅޭތީކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޯވިޑް-19އަކީ ބައިނަލްއަޤްވާނީ އެއްބައިވަންތަކަމަށް ކުރިމަތިވި އިމްތިޚާނެއްކަމަށާއި އެ އިމްތިޚާނުން ދުނިޔެއިން ފާސްވެފައި ނުވާކަމަށް ގުތޭޙެޝް ވިދާޅުވިއެވެ.

ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ރަޝިޔާއާއި ޗައިނާއިންވަނީ އެމެރިކާއަށް އަމާޒުކޮށް ނުސީދާ ބަހުގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ވަކި ޤައުމެއްގެ ނަން ނުބުނެ ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގެއި ލަވްރޮފް ވިދާޅުވީ ޤައުމުތަކުގެ މެދުގައި އޮތް ތަފާތުތައް ކޯވިޑް-19ގެ ސަބަބުން އިތުރުވެފައިވާކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވާ ޙާލަތުގެ ބޭނުން ހިފާ ބަދަލު ހިފުމުގެ ރޫހެއްގައި އެބައެއްގެ ހަނި މަސްލަހަތު ކުރިއެރުވުމަށް ބައެއް ޤައުމުތަކުން މަސައްކަތްކުރަމުންދާކަމަށެވެ. ޗައިނާގެ ޚާރިޖީ ވަޒީރު ވޭންގް އީ ވިދާޅުވީ ދުނިޔޭގެ ބާރުގަދަ ޤައުމުތަކުން އެކުގައި މަސައްކަތްކުރަންޖެހޭކަމަށާއި ވަކި ބަޔަކަށް މޮޅުގޮތް ހޯދުމުގެ ބަދަލުގައި އިންސާނީ ދަރިފަސްކޮޅުގެ ކުރިމަގަށް އިސްކަންދޭންޖެހޭކަމަށެވެ.

މި ވާހަކަތަކަށް ރައްދު ދެއްވާ އެމެރިކާގެ ސަފީރު ކެލީ ކުރާފްޓު ވިދާޅުވީ ކުރިމަތިވެފައިވާ ޙާލަތާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ބަދަލުގައި ސިޔާސީ ތަފާތުތަކާއި ގުޅޭ ގޮތުން ވާހަކަދެއްކެވުމަށް ލިބިފައިވާ ފުރުޞަތުގެ ބޭނުންކޮށްފައިވާ ފަރާތްތަކުން އެކަމާއި ލަދުގަންނަން ޖެހިވަޑައިގަންނަވާކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕު ތަކުރާރުކޮށް ވިދާޅުވަމުންދާ ފަދައިން ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތުގެ ޒިންމާ ނަގަންޖެހޭނީ ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާއިންކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެވާހަކަތަކާއި ގުޅިގެން ޗައިނާއިން ބުނީ އެއްބަޔަކު އަނެއް ބަޔަކާ ދިމާލަށް އިނގިލި ދިއްކޮށްގެން މައްސަލަތައް ޙައްލު ނުވާނެކަން އެމެރިކާއިން ޤަބޫލުކުރަންޖެހޭކަމަށެވެ.