ކުޅިވަރު

ލިބުނީ ހައްގު މޮޅެއް: ފްލިކް


ޔުއެފާ ސުޕަ ކަޕްގައި ސެއްވިޔާ ބަލިކޮށް ލިބުނީ ހައްގު މޮޅެއްކަމަށް ބަޔާން މިއުނިކްގެ ކޯޗު ހެންސީ ފްލިކް ބުނެފިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބަޔާން މިއުނިކްގެ ކޯޗު ފްލިކް ބުނީ މެޗުގެ ކުރިންވެސް ހީކުރި ގޮތަށް މެޗުގައި އުނދަގޫތަކެއް ޓީމަށް ދިމާވިކަމަށެވެ. އެހެން ނަމެވެސް މެޗު ކާމިޔާބުކުރެވުނީ ކުޅުންތެރިންގެ ވިސްނުމާއި އާދަޔާ ޚިލާފު ހިތްވަރުން ކަމަށް ފްލިކް ބުންޏެވެ. ހާއްސަކޮށް ސެވިއްޔާ އިން 1-0 އިން ލީޑު ނެގުމާއެކު ދެން ބަޔާން މިއުނިކް ކުޅުންތެރިން ކުރި ހިތްވަރު ފްލިކް ވަނީ ފާހަގަކޮށްފައެވެ. އޭނާ ބުނީ މުޅި މެޗުގައި ވެސް ބާޔާންގެ ފަހަތުގައި ތިބި ކުޅުންތެރިންނާއި ކުރިޔަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަކަމަށެވެ.

މި މެޗުގައި ދެޓީމުގެ ސަޕޯޓަރުންނަށް ކޮންމެވެސް ވަރަކަށް ދަނޑަށް ވަނުމުގެ ހުއްދަ ޔޫއެފާއިން ވަނީ ދީފައެވެ. މިކަމާ ގުޅޭގޮތުން ފްލިކް ބުނީ މިހާލަތުގައި ސަޕޯޓަރުން ދަނޑަށް ވެއްދުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަމަށާއި ސަޕޯޓަރުން ދަނޑުން ފެނުމަކީ ޓީމަށް ލިބުނު ހިތްވަރެއްކަމަށެވެ. އެހެންނަމަވެސް އެންމެ މުހިންމު ކަމަކީ ރައްކާތެރިކާމާއެކު ދަތުރުކޮށް ރަނގަޅު ސިއްހަތެއްގައި ތިބެ އެނބުރި ގައުމަށް ދިޔުންކަމަށް ބަޔާން މިއުނިކްގެ ކޯޗު ބުންޏެވެ.