ވިޔަފާރި

"ކޮބާ ރަސީދު" ކެމްޕެއިންގެ މިދިޔަމަހުގެ ނަސީބުވެރިޔާ ހޮވައިފި


މީރާ އިން ފާށާފައިވާ " ކޮބާ ރަސީދު" ކެމްޕެއިންގެ އޮގަސްޓް މަހުގެ ނަސީބުވެރިޔާ ހޮވައިފިއެވެ. ވިޔަފާރިއަކުން އެންމެ ގިނަ ރަސީދު ކޮޅު ލައިގެންއޮގަސްޓް މަހުގެ ނަސީބު ވެރިއަކަށް ހޮވިފައިވަނީ ކ. ތުލުސްދޫ  އަހްމަދު އަހްލާމްއެވެ.އޭނާއަށް ތިން ހާސް ރުފިޔާގެ ފައިސާގެ އިނާމް ހަވާލޮކޮށްދެއްވީ ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުއެވެ.ކޮބާ ރަސިދު ކެމްޕެއިނާ ގުޅޭ ގޮތުން ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ، ކޮންމެ ކަމަކީ ފިޔަވަޅު އަޅައިގެން ކުރާ ކަމެއްގެ ބަދަލުގައި ވިޔަފާރިތަކާއި، ޓެކްސް ޕޭޔަރުން އިސް ނަގައިގެން ރަސީދު ދިނުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި ރަސީދު ލިބިގަތުމާއި ރަސީދު ދިނުން އާދަޔަކަށް ހެއްދެވުމަކީ މީރާގެ އަމާޒެއްކަމަށެވެ.ޔަޒީދު ވިދާޅުވީ، މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ "ކޮބާ ރަސީދު" ކެމްޕެއިނުން ނަތީޖާ ނެރެވޭނެ ކަމަށް ގަބޫލުކުރައްވާކަމަށާއި، ހީކުރިވަރަށްވުރޭ މާބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ. "މަހެއްހާ ދުވަހުގެ ތެރޭގައި 14 ހާހެއްހާ ރިސިޓް އަޚުގަނޑުމެންނަށް ލިބިފައި އެބަހުރި. އެހެންވީމަ ފުރަތަމަ މަހުގައިވެސް މީ ވަރަށް ބޮޑު ކުރިއެރުމެއް"މިއަދު އިނާމު ލިބުނު އަހްލާމް ބުނީ، ރަސީދު ހޯދުމަކީ ވަރަށް ފަސޭހަ ކަމެއްކަމަށާއި، އަމިއްލައަށް ކުރާ ޚަރަދުތަށް ބެލެހެއްޓުމަށްވެސް އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާކަމަށެވެ.ކޮބާ ރަސީދު ކެމްޕެއިންގެ ސަބަބުން ރަސީދު ދިނުމަށާއި ލިބިގަތުމަށް އާންމު ފަރާތްތަކުން ހޭލުން ތެރިވާނެކަމަށް އުންމީދުކުރައްވާކަމަށާއި، އަންނަ އަހަރުން ފެށިގެން ރަސީދު ހަވާލު ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަމަށް މީރާއިން ބުނެއެވެ.  އަދި އާންމު ފަރާތްކުންވެސް ރަސީދު ނުދޭ ފަރާތްތަކުގެ ޝަކުވާ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރުން މުހިންމުކަމަށް މިރާއިން މައުލޫމާތުދެއެވެ.އޮގަސްޓް މަހުން  ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް ވިޔަފާރިތަކުން އެންމެ ގިނަ ރަސީދު ހުށައަޅުއްވާ ފަރާތްތަކަށް ވިހިހާސް ރުފިޔާގެ ފައިސާގެ އިނާމެއްވަނީ ކަނޑައަޅާފައެވެ.