ކުޅިވަރު

އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ޝަވީދު ނިންމަވައިފި


އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް
ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ނިންމަވައިފި. މޯލްޑިވްސ އޮލިމްޕިކް
ކޮމިޓީގެވެސް ރައީސްކަން ކުރައްވަމުން އަންނަ ޝަވީދު ވިދާޅުވީ ކުރިއަށް އޮތް
އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަން ނިންމި ކަމަށާއި، ކްލަބްތަކުން ދެމުން
އަންނަ ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށެވެ. އެފްއޭއެމްގެ ރައީސްކަން އެންމެ ފަހުން
ކުރެއްވި އިލްހާމް އަހުމަދު މަޤާމުން ދުރުކޮށް ފީފާއިން އެކުލަވާލި ނޯމަލައިޒޭޝަން
ކޮމިޓީގެ ޗެއާމަނަކަށް ޝަވީދު ހަމަޖައްސެވި ފަހުން އެފްއޭއެމްގެ އިންތިހާބު ބާއްވާ
މިއީ ފުރަތަމަ ފަހަރެވެ. މިފަހަރުގެ އިންތިހާބު އަންނަ މަހުގެ ބާވީސް ވަނަ ދުވަހު
ބާއްވަން ނިންމާފައިވާއިރު، މިއިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ސޯޅަ
ވަނަ ދުވަހާ ހިސާބަށް ލިބިގެން ދާނެއެވެ. މިވަގުތު ރާއްޖޭގެ ކުޅިވަރުގެ އެންމެ އިސް ދެ
އިދާރާ ކަމުގައިވާ އޮލިމްޕިކް ކޮމިޓީއާ އެފްއޭއެމް ހިންގަވާ ޝަވީދަކީ އޭއެފްސީގެ
އެގްޒެކްޓިވް ކޮމިޓީ އަދި އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ފައިނޭންސް
ކޮމިޓީގެވެސް މެމްބަރެކެވެ. އެފްއޭއެމް މިފަހަރުގެ އިންތިހާބުގައި 44 ކްލަބަކަށް ވޯޓް ލުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ ކުރިން މިއިންތިހާބުގައި ވޯޓް ލެވޭނީ 13 ކްލަބަށެވެ.